ހއ. ދިއްދޫގެ އެއާޕޯޓް ތަރައްގީކޮށް ބިން އިތުރުކުރުމުން އެ ރަށަކީ އުތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަސާސީ އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ޒަމީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއަކީ ރަށްރަށުގެ މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި، ހިދުމަތްތައް ހޯދުމުގައި ހުރި ފަރަގުތައް ކުޑަކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ މުހިންމު ބައެކެވެ.

އަމަލީ ނަތީޖާއަށް އަމާޒުކުރެވިފައިވާ ތަރައްގީ

މި މަޝްރޫއަކީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، އަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބިން ހިއްކުމަކީ ހަމައެކަނި ބިން އިތުރުކުރުން ނޫން، އޭގެ ސަބަބުން ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، އާންމު ހިދުމަތްތައް ވަރުގަދަވެ، ދިއްދޫގެ އިތުރުން ކައިރި ރަށްތަކަށް ވެސް އޭގެ ފައިދާ ކުރާނެ،" ވަޒީރު ވިދާޅުވިއެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ވައިގެ މަގުން ގުޅާލެވުމުން ސިއްހީ ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، ދަރިވަރުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިތައް ފުޅާވެ، ސަރަހައްދީ އިންވެސްޓްމަންޓްތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަސާސީ ހިދުމަތްތަކާއި ޒިންމާދާރު ހަރަދު

ކަރަންޓާއި، ފެނާއި، ނަރުދަމާގެ އިތުރުން މަގުތައް ހެދުން ފަދަ އަސާސީ ހިދުމަތްތަކަކީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ މާލީ ނިޒާމަށް ބުރަ ނުވާނެހެން، ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޖަވާބުދާރީވަނިވި ގޮތެއްގައި މަސައްކަތްތައް ތަރުތީބުކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ނަތީޖާ ހާސިލުކުރުން ކަމަށެވެ. މި މަޝްރޫއު ނިމުމުން ދިއްދޫއަކީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައިވާ، ރައްކާތެރި ބޯހިޔާވަހިކަން ލިބިފައިވާ މުޖުތަމައަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.