އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް، އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކުރި ''8 ވަނަ އަޓަލް ބިހާރީ ވާޖްޕާއީ މެމޯރިއަލް ލެކްޗަރ'' ގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނައީމް އިއްޔެ ތަގުރީރު ކުރައްވައިފިއެވެ.

މި ފޯރަމްގައި ތަގުރީރުކުރަށްވަމުން ފައިސަލް ވަނީ ވަޖްޕާއީއަކީ ހަރުދަނާ ނިންމުންތައް ނިންމެވުމާއި އަދަބުވެރިކަމަކީ އެކުއެކީގައި ގެންގުޅެވިދާނެ ސިފަތަކެއްކަން ސާބިތުކޮށްދެއްވި ދައުލަތުގެ އިސް ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Ad
rt

އިންޑިއާގެ ބީޖޭޕީގެ ލީޑަރު ރާމް މަދަވް އާއި ކުރީގެ ޔޫނިއަން މިނިސްޓަރު ވިޖޭ ގޯޔަލް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ދުނިޔޭގައި ފިކުރީ ގޮތުން ބައިބައިވުން އިތުރުވަމުންދާ މި ދުވަސްވަރު، ވަރުގަދަ ލީޑަރޝިޕަކީ މުޖުތަމައު ބައިބައިނުކޮށްވެސް ދެއްކިދާނެ އެއްޗެއްކަން ވަޖްޕާއީގެ ސިޔާސީ މަސައްކަތްޕުޅުން ފެނިގެންދިޔަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

''ސުލްހަ، ޑިމޮކްރަސީ އަދި އިސްލާމްދީން، ދިވެހިރާއްޖޭގެ ތަޖުރިބާ'' މި މައުޟޫއަށް ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ ތާރީޚާއި ސަގާފަތުގެ އިތުރުން ދެކުނު އޭޝިއާގެ އަމާންކަމާއި ކުރިއެރުމަށް އެދޭ ގާތް ދެ އަވަށްޓެރިން ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އާއި ތަރައްގީގެ ދަތުރުގައި އިންޑިއާއަކީ އަބަދުވެސް އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ގައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މި ގުޅުން ބިނާވެފައިވަނީ ހަމައެކަނި ޖިއޮގްރަފީގެ މައްޗަށް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ދައްކާފައިވާ ސާބިތުކަމުގެ މައްޗަށް އުފެދިފައިވާ އިތުބާރެއް ކަމަށެވެ. ވަކިން ހާއްސަކޮށް 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާއިން ދެއްކި އަވަސް އިޖާބައަކީ ދިވެހިންގެ ހިތްތަކުގައި ބޮޑު ގަދަރެއް ދެވިފައިވާ ކަމެއް ކަމަށާއި، އެއީ ބޮޑު ޑިމޮކްރަސީއަކާއި ކުޑަ ޖަޒީރާ ގައުމަކާ ދެމެދު އޮންނަ އިތުބާރުގެ ބިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގެ މުހިންމުކަން ދެނެގަތުމުގައި ވާޖްޕާއީ ގެންގުޅުއްވި ދުރުވިސްނުމަށް ފައިސަލް ތައުރީފު ކުރެއްވިއެވެ. ކަނޑުގެ ސަލާމަތަކީ ހަމައެކަނި އަސްކަރީ ބާރު ދެއްކުން ނޫން ކަމަށާއި، އެއީ ކަނޑުގެ މަގުތައް ރައްކާތެރިކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި، ގުޅިގެން މަސައްކަތްކުރުން ކަމަށް ވާޖްޕާއީ ގަބޫލުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. މި ތަޞައްވުރުގެ ސަބަބުން ކޯސްޓްގާޑް ތަމްރީނާއި، ހައިޑްރޯގްރަފީ އަދި ސާޗް އެންޑް ރެސްކިއު ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ފައިސަލް ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ސަބަބުން ސަރަހައްދުގެ މިނިވަންކަމަށް ބުރޫނާރާ ގޮތަށް ސަލާމަތީ ކަންކަން ވަރުގަދަވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ދަތި އުނދަގޫ ވަގުތުގައި އިންޑިއާއިން ފޯރުކޮށްދިން ވެކްސިންގެ އެހީތެރިކަމަކީ އިންޑިއާގެ ދައުރު ފުޅާވެ، ތަރައްގީގެ މުހިންމު ބައިވެރިއަކަށް ވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.