އިސްރާއީލުން ގައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުން އަންނާތީ، ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައި.ސީ.ޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމްއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ.
އދ. ގެ އެންމެ މަތީ ކޯޓުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތެރެއަށް ވަނުމަށް ބެލްޖިއަމްއިން ހުށަހަޅާފައިވާ ކަމަށެވެ. ބެލްޖިއަމްގެ އިތުރުން ބްރެޒިލް، ކޮލަމްބިއާ، އަޔަލޭންޑް، މެކްސިކޯ، ސްޕެއިން އަދި ތުރުކީ ފަދަ ގައުމުތަކުން ވެސް ވަނީ މި މައްސަލައިގައި ބައިވެރިވެފައެވެ.
ދެކުނު އެފްރިކާއިން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު މި މައްސަލަ ހުށަހެޅީ، ގައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަކީ 1948 ވަނަ އަހަރުގެ އދ. ގެ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފު ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް އިސްރާއީލުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އެ މައްސަލައަށް ފާޑުކިޔާފައެވެ.
މި މައްސަލައިގެ ފަހުގެ ނިންމުމަކަށް ގިނަ އަހަރުތަކެއް ނަގާފާނެ ކަމަށް ބެލެވޭއިރު، 2024 ޖެނުއަރީގައި ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި އިސްރާއީލުން ގައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްނޭޅުމަށް އަންގާފައިވެއެވެ. ކޯޓުގެ ނިންމުންތަކަކީ ގާނޫނީގޮތުން ތަންފީޒުކުރުން މަޖުބޫރު އެއްޗަކަށް ވީނަމަވެސް، އެކަން ކުރާނެ ސީދާ ނިޒާމެއް ކޯޓަކު ނޯވެއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ތިބުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި، އެއީ އެ ބިންތައް ފޭރުން ކަމަށް ވެސް އައި.ސީ.ޖޭ އިން ވަނީ ބުނެފައެވެ. ބައިނަލްއަގުވާމީ ފާޑުކިޔުންތަކާއި ކޯޓުގެ ނިންމުންތަކަށް ބެލުމެއްނެތި، އިސްރާއީލުން ދަނީ ގައްޒާއާއި ހުޅަނގު އައްސޭރީގައި ހަމަލާތައް ކުރިއަށް ގެންގޮސް، ފަލަސްތީނުގެ ބޮޑެތި ބިންތަކެއް އަތުލުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާއާއި ވިލާތުގެ ބައެއް ގައުމުތަކުން އަދިވެސް ދަނީ އިސްރާއީލަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާއިން ވަނީ ދެކުނު އެފްރިކާގެ މައްސަލައަށް އިންކާރުކޮށް، އެ ގައުމަށް އިންޒާރުދީފައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރު ނެރުނު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ (އައި.ސީ.ސީ) މެންބަރުންނަށް ވެސް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ބެލްޖިއަމްއިން ބަލައިގަނެފައިވާއިރު، މިހާރު އދ. ގެ މެންބަރު ގައުމުތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ގައުމުން ފަލަސްތީނު ބަލައިގަނެއެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 70،942 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، 171,195 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ގައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!