އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
މި މެސެޖުގައި ވަޒީރު ވިދާޅުވީ ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގެ ގައިގައި އަތަރު އުނގުޅުމަކީ މިހާރަކަށް އައިސް ފެންނަ ކަމެއް ކަމަށެވެ.
ނަމަވެސް މިއީ ކޮންމެ ނަމާދަކަށް ފަށަން ސުންނަތުގައި އޮންނަ ކަމެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއް. އަޅުކަމުގެ ކުރިން ހުވަނދުލުން ޞައްޙަ ސުންނަތުން ސާބިތުވާ ދެ މަޤާމަކީ ޙައްޖާއި ޢުމްރާއަށް އިޙުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރު،" ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރު ލުމެއް ސުންނަތުގައި ނޯންނަ ކަމަށެވެ. ނަމަވެސް، ކޮންމެހެން ވަކި ވަގުތަކާ ނުގުޅުވައި ދިރިއުޅުމުގައި ސާފުތާހިރުވުމާއި ޒީނަތުގެ ގޮތުން ހުވަނދުލުމަކީ ސުންނަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!