ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެންޕަހުގައި ކޯސްތައް ފެށުމަށް ތައްޔާރުވެ، ފެބްރުއަރީ އިންޓޭކް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޔޫއިން މިއަދު ވަނީ 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި އެ ޔުނިވަރސިޓީގެ އިހަވަންދޫ އައުޓްރީޗް ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ހަތަރު ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ކޯސްތަކަކީ،
އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން
1- އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން (ފުލްޓައިމް) - ހއ. އިހަވަންދޫ
2- މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް) - (ފުލްޓައިމް ބްލެންޑެޑް) - ހއ. އިހަވަންދޫ
އެމްއެންޔޫ ބިޒްނަސް ސްކޫލް
1- އެޑްވާންސްޑް ސެޓްފިކެޓް އިން މެނޭޖްމަންޓް – (ފުލްޓައިމް) - ހއ. އިހަވަންދޫ
2- ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (ފުލްޓައިމް ބްލެންޑެޑް) - ހއ. އިހަވަންދޫ
މި ކޯސްތަކަށް ހުޅުވާލައި، މި ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް އެ ޔުނިވަރސިޓީން ވަނީ ހުޅުވާލާފައެވެ.
މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުރިއިރު، ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރުމުން އަދި 1445 ފޯނާ ގުޅުމުން ލިބޭނެކަމަށް އެމްއެންޔޫއިން ބުންޏެވެ.
އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް އިހަވަންދޫގައި ހިންގުމަށް އިމާރާތެއް ހަމަޖައްސައިދީފައި ވަނީ އެރަށު ކައުންސިލުން 15 ސެޕްޓެމްބަރު 2025 ގައެވެ.
ފަހުގެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި އިމާރާތަކީ 35 އަހަރުގެ މުއްދަތައް ކުއްޔަށް ދޫނުކުރާގޮތަށް 6 ކްލާސްރޫމާއި، 1 އޮފީހާއި 1 ހޯލު ހިމެނޭ އިމާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!