ހދ. ހަނިމާދޫ ބަނދަރުގައި ކޮންޓްރެކްޓް އުސޫލުން މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއްޔެ ބީލަމަށް ހުޅުވާލައިފިއެވެ.
ހަނިމާދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެރަށު ބަނދަރުގައި މިސްކިތެއް އެޅުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ބީލަމުގައި ރަޖިސްޓަރީ ވުމަށް 28 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބު ހުށަޅައި ހުޅުވުން އޮންނާނީ ޖެނުއަރީ 21 ވަނަ ދުވަހު ހެނދުނު 11:00 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/iFSwCv8rh1
އަންދާސީ ހިސާބު ހުށައެޅޭނީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަނި ކަމުގައި ހަނިމާދޫ ކައުންސިލުން ބުންޏެވެ.
ހަނިމާދޫގައި މިހާރު ވެސް ސަރުކާރުން އަންނަނީ މިސްކިތެއް ބިނާކުރަމުންނެވެ. މި މަސްރޫޢު ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
ހަނިމާދޫގައި މިހާރު ވެސް ތިން މިސްކިތެއް ހުރެއެވެ. އެތަނުން އެއް މިސްކިތަކީ އަލިފުޅުތުއްތު ފައުންޑޭޝަންގެ ދީލަތި އެހީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!