ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފަށައިފިއެވެ.

އެކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނީ، އޮކިއުޕޭޝަނަލް ތެރަޕީގެ ސަބަބުން އުފެދުމުގައި ލަސްތަކެއް ހުންނަ ކުދިންނަށް އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ދަސްކޮށްދީ އަމިއްލަ ހާލަތުގައި ކަންކަން ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

Ad
rt

މީގެ އިތިރުރުން ތަފާތު ސެންސަރީ އުނދަގޫތައް ހުންނަ ކުދިންނަށް އެ އުނދަގޫތަކުން އަރައިގަންނަން އެހީވެދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ތެރަޕީގެ ސަބަބުން ސާޖަރީ، އެކްސިޑެންޓް، ސްޓްރޯކް، ނުވަތަ ޕާކިންސަންސް ފަދަ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކަށް ދިރިއުޅުމުގެ ކުރީގެ ހާލަތަށް ރުޖޫޢަވުމަށް އެހީތެރިވެ އެ ބަލިތަކުން ލިބޭ ނުކުޅެދުންތެރިކަން ކުޑަކުރުމަށް އެހީވެދޭނެ ކަމަށް ވެސް ކޭއާރުއެޗުން ބުންޏެވެ.

އުތުރުގެ މައި ހޮސްލިޓަލް، ކޭއާރުއެޗުގައި ކޭއާރުއެޗުގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް މިއަހަރުގެ ޖުލައި މަހުގައި ވަނީ ފަށާފައެވެ.

މީގެ އިތުރުން ކުރީން ވެސް ވަނީ ގިނަ ޚިދުމަތްތަކެއް ތަޢާރުފްކޮށްފައެވެ. މިގޮތުން ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކިމޯ ތެރަޕީ ގެ ހިދުމަތް އެ ހޮސްޕިޓަލުން 2023 ވަނަ އަހަރުގެ ޖުލައިމަހު ފަށާފައިވާއިރު، އެ ހޮސްޕިޓަލުން ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން)ގެ ޚިދުމަތާއި، ޕްލާސްޓިކް ސާޖަރީގެ ޚިދުމަތާއި، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ގިނަ ހިދުމަތްތަކެއް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.