ށ. ފުނަދޫ އިން ފުރައިގެން އެ އަތޮޅު ފީވަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ ކަނޑުވި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު މިއަދު 11:50 އެހާކަންހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ.

Ad
rt

މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ދޯނި ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ބުންޏެވެ.

''އެ ސަރަހައްދު ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވޭ. މިމީހާއަކީ 68 އަހަރުގެ ފިރިހެނެއް.'' ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްދީފައެވެ. އަދި މީހާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

''މިހާތަނަށް ބެލިބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވޭ. އަދި އެދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރެއްވުމަށް ދަންނަވަން.'' ފުލުހުން އިތުރަށް ބުނެފަވެއެވެ.