އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް 400،000 ޑޮލަރު (ގާތްގަނޑަކަށް 6.1 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ހަދިޔާކޮށްފިއެވެ.

މި އެހީ ދިނުމުގެ މަޤްޞަދަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމެވެ.

Ad
rt

ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެހީ ދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި، ޑަބްލިއުއެޗްއޯގެ އެޗްއައިއައިޕީ ޕްރޮގްރާމުގެ ދަށުންނެވެ.

މި ފޯރަމް ބޭއްވީ މި މަހުގެ 13 އިން 14 އަށް ކުރުނބާ ރިސޯޓްގައެވެ. މި ފޯރަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ހިލޭ އެހީގެ ދަށުން މައިގަނޑު ގޮތެއްގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމާއި، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ބިނާކުރުމަށެވެ. މީގެ އިތުރުން ސިއްހީ މައުލޫމާތު ނިޒާމު (ހެލްތު އިންފޮމޭޝަން ސިސްޓަމް) ތައް ހަރުދަނާކުރުމަށް ވެސް މި އެހީގެ ބޭނުން ކުރެވޭނެއެވެ.

ޚާއްޞަގޮތެއްގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސިއްހީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) އަކީ 2030 ގެ ނިޔަލަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސްޑީޖީ) ގެ އެއް ބައެވެ. އައިއެސްޑީބީގެ މި އެހީއަކީ ރާއްޖެއިން މި ލަނޑުދަނޑި ހާސިލުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު އެހީއެކެވެ.