ރ. ދުވާފަރުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ސަރުކާރުގެ ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އެމްޑީން ބައިވެރިވެވަޑައިގަތް މަސްކެނޑުމުގެ މުބާރާތެވެ.

މި މުބާރާތް ބައްލަވާލައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވެސް ވަނީ ވަޑައިގެންފައެވެ.

Ad
rt

މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ އެކި މުބާރާތްތަކުގެ ތެރެއިން އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވުނު، މަސްކެނޑުމުގެ މުބާރާތް ކުރިއަށް ދިޔައީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިންނެވެ.

މަސްކެނޑުމުގެ މުބާރާތް ރައީސްގެ ދެކަނބަލުންނާއި ފިޝަރީޒް މިނިސްޓަރު ބައްލަވާލައްވަނީ، ފޮޓޯ: ފިޝަރީޒް މިނިސްޓަރު

އަންހެން އަދި ފިރިހެނުންގެ ބައިން މަސްކެނޑުމުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ. ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ވަނީ ''ރަހަވަރު'' ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ވެސް ބާއްވާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް އައި ޓީމުތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

މީގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ރޭ ވަނީ ދުވާފަރުގައި ބާއްވާފައެވެ.