ފޭސްބުކް ޕޭޖްތައް ބޭނުންކޮށްގެން ބަލިމީހުންނަށް އެހީ ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

މިފަދަ ސްކޭމްތަކުގައި ސްކޭމަރުން ބޭނުންކުރަނީ އެހީއަށް އެދިފައިވާ ފަރާތްތަކާއި ނިކަމެތި ކުޑަކުދިންގެ ފޮޓޯތަކާއި މައުލޫމާތުތަކެވެ.

Ad
rt

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފައި ވަނީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން ސަލާމަތްތެރިކަމުގެ ފިޔަވަޅު އަޅައި، ފައިސާ ފޮނުވެނީ އަސްލު ބަލިމީހާއަށްތޯ ޔަގީންކުރުމަށެވެ.

މިފަދަ ސްކޭމް ޕޯސްޓުތައް އަމާޒުކުރެވިފައިވަނީ އާންމުންގެ އަޅާލުމާއި ހަމްދަރުދީ ހޯދުމަށެވެ. ސްކޭމްއެއްކަން ދެނެގަތުމަށްޓަކައި ފުލުހުން ވަނީ މުހިއްމު ބައެއް ނުކުތާތައް ހާމަކުރައްވާފައެވެ. އެގޮތުން، ޕޯސްޓުގެ ދަށުގައިވާ ކޮމެންޓުތައް ޗެކުކުރުމަކީ މުހިއްމު ކަމެކެވެ. ޞައްޙަ ޗެރިޓީ ޕޯސްޓުތަކުގައި ކޮމެންޓުކުރުމާއި ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންވާއިރު، ކޮމެންޓު ނުކުރެވޭނަމަ، އެއީ ސްކޭމެއް ކަމަށް ބެލުމަށް ފުލުހުން އިރުޝާދު ދެއްވައެވެ.

މީގެ އިތުރުން، ޕޯސްޓުގައި ދީފައިވާ ފޯނު ނަންބަރު ޔަޤީންކުރުމަކީ ވެސް މުހިއްމު ކަމެކެވެ. ދީފައިވާ ނަންބަރަށް ވަގުތުން ގުޅުމުގެ ކުރިން، އެ ޕޭޖު ހިންގާ ޖަމިއްޔާއަށް ގުޅޭނެ ރަސްމީ ނަންބަރެއް ނުވަތަ ޕޭޖު ހިންގާ ފަރާތަށް ގުޅޭނެ ނަންބަރެއް އަމިއްލައަށް ހޯދުމަށް ފުލުހުން ބުނެއެވެ. އަދި ދީފައިވާ ނަންބަރަށް ގުޅައި އެއީ އިތުބާރު ކުރެވޭ ފަރާތެއްތޯ ޗެކުކުރުމަށް، އަދި އެހީއަށް ބޭނުންވާ ފަރާތާއި ބެހޭގޮތުން ތަފްޞީލްކޮށް ސުވާލުކުރުމަށް އިލްތިމާސްކުރެއެވެ. ޖަވާބުދިނުމަށް ފަސްޖެހި، ހުރަސްއަޅާނަމަ ފޯނު ކަނޑާލުމަށް ވެސް ފުލުހުން އިރުޝާދު ދެއެވެ.

ސްކޭމް ކުރާ ފަރާތްތަކުން އާންމުކޮށް ބޭނުންކުރަނީ ކޮމްޕްރޮމައިޒްކޮށްފައިވާ، ފޮލޮވަރުން ގިނަ ބޮޑެތި ޕޭޖްތަކެވެ. އެހެންކަމުން، ޕޯސްޓުކޮށްފައިވާ ޕްރޮފައިލް ބަލައި ޗެކުކުރުން މުހިއްމެވެ. ޕޯސްޓުކުރި ފަރާތުގެ ޕްރޮފައިލް ލޮކްކުރެވިފައިނަމަ، ނުވަތަ އަލަށް ހަދާފައިވާ ޕްރޮފައިލެއްނަމަ އެއީ ޝައްކުކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލަންވާނެއެވެ. އަދި އެހީ ހޯދުމަށް މަސައްކަތްކުރާ ޞައްޙަ ޕޭޖުތަކަކީ އިތުބާރު ހުރި، މަޝްހޫރު މީޑިއާތަކުން ނުވަތަ ނޮން-ޕްރޮފިޓް ޖަމްޢިއްޔާތަކުން ހިންގާ ޕޭޖުތަކަށް ވާތީ، އެ ޕޭޖަކީ ރަސްމީކޮށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްތޯ ޔަޤީންކުރުމަށް ވެސް ފުލުހުން ބާރު އަޅައެވެ.

ސަލާމަތީ ފިޔަވަޅުތައް:

އެއްވެސް ފައިސާއެއް ނުވަތަ ބޭންކް މަޢުލޫމާތު ޙިއްސާ ނުކުރައްވާ!
ވަގުތުން އެ ޕޯސްޓު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ސްކޭމެއްގެ ގޮތުގައި ރިޕޯޓުކުރައްވާ!
މި މަޢުލޫމާތު ރައްޓެހިންނާއި އާއިލާއާއަށް ޙިއްސާކުރައްވާ!

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހަނދާންކޮށްދީފައިވާ ގޮތުގައި، ސްކޭމް ކުރާ ފަރާތްތަކަށް އާންމުންގެ ހިތްހެޔޮކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ނުދިނުމަށް ސަމާލުވާންޖެހެއެވެ.

އެހީއަށް އެދޭ ފަރާތްތަކަށް އެހީވުމުގެ ކުރިން އެއީ އިތުބާރުހުރި، ޞައްޙަ ފަރާތެއްތޯ ޔަޤީންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.