ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އެ ސިޓީގެ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާއަށްފަހު މިއަދު އެތަން ބޭނުންކުރަން ފަށައިފިއެވެ.

ހޮނިހިރު ބާޒާރު ސަރަހައްދުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމި ބޭނުންކުރުމަށް ހުޅުވާލާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކުރީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

Ad
rt

އެގޮތުން އެއިގެ ފަހުން އައި ފުރަތަމަ ހޮނިހިރު، މިއަދު ވަނީ އެތަން ބޭނުންކުރަން ފަށާފައެވެ. އާދައިގެ މަތިން މިއަދު ވެސް ހޮނިހިރު ބާޒާރަށް ވަނީ ގިނަ ބަޔަކު ޖަމާވެފައެވެ.

ހޮނިހިރު ބާޒާރުގައި ވިއްކާ ބައެއް ބާވަތްތައް، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ އަކީ އުތުރުގެ މައިހަބުކަމުން އެ ސިޓީއަކީ އެންމެ ފުޅާ ދާއިރާއެއްގައި އުތުރުން ވިޔަފާރިއާއި އިގްތިސޯދީ ހަރަކާތްތައް ހިނގާ ސިޓީއެވެ. އާންމުގޮތެއް ހޮނިހިރު ދުވަހަކީ އެންމެ އުތުރުގެ ތިން އަތޮޅާއި އެނޫންވެސް އުތުރުގެ ބައެއް ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު އެސިޓީ އަށް ޒިޔާރަތްކުރާ ދުވަހެކެވެ. އެއީ ސިއްހީ ޚިދުމަތް ހޯދުމަށާއި، ވިޔަފާރިއާއި އަދި މިނޫންވެސް ޚިދުމަތްތައް ހޯދުމުގެ ބޭނުމުގައެވެ.

މިގޮތައް ޒިޔާރަތްކުރާ ރަށްރަށު މީހުން ތަކެތި ހިފައިގެން އައިސް ހޮނިހިރު ބާޒާރުގައި ވިއްކައެވެ. މި ބާޒާރުން އުތުރުގެ ގިނަ ރަށްތަކެއްގައި އުފައްދާ ކާބޯތަކެއްޗާއި، ދަނޑުވެރިކަމުގެ ގިނަ އަދަދެއްްގެ ބާވަތްތަކާއި މި ނޫންވެސް އެކި އުފެއްދުންތައް ލިބެން ހުރެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މި ބާޒާރު ކުރިއަށްދާ ސަރަހައްދުގެ އަސްލު ނުގެއްލޭގޮތަށް ޒަމާނީކޮށް ތަރައްގީކޮށްފައެވެ. އެހެންކަމުން މި ބާޒާރު ބޭނުންކުރާ މީހުންނަށާއި، ޚިދުމަތް ހޯދާ މީހުންނަށް ވަނީ ކުރިއަށްވުރެ ބޮޑު ފަސޭހަކަމެއް ލިބިދީފައެވެ.