މާލޭގައި ހިންގަމުން އައި ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ، ޤަވާއިދާ ޚިލާފަށް އުޅުނު ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ހިންގި ކަމެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ 4 މަސާޖު ޕާލާއެއް ވަނީ ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހަތަރު ބިދޭސީންގެ ތެރެއިން ތިން ބިދޭސީ އަންހެނުން ހައްޔަރުކުރި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ހޯދައި ބަލައިފާސްކުރުމުގެ މި އޮޕަރޭޝަން ޓާސްކްފޯސްއިން ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން ބަލައިފާސްކުރި މި 4 މަސާޖު ޕާލާގެ ވިޔަފާރި ވަނީ ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅު މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (އެމްއީޑީޓީ) އިން އަޅާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޤަވާއިދާ ޚިލާފު ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތުގެ ދަށުން ފާއިތުވި 2 އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ލޭބަރ މާކެޓް ހަމަޖެއްސުމާއި، ޤަވާއިދާ ޚިލާފު ހަރަކާތްތައް ހުއްޓުވުމުގެ މަޤްސަދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!