ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ކުމުންދޫގެ ކުމުންދޫ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.

ކުމުންދޫ ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި 2-1 އިން ނޮޅިވަރަންފަރުގެ ނޮޅިވަރަންފަރު ސްޕޯޓްސް ބަލިކޮށްގެންނެވެ.

Ad
rt

މެޗުގައި ލަނޑުޖަހައި ފުރަތަމަ ލީޑް ނެގީ ވެސް ކުމުންދޫއެވެ. އެލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ޖާޒީ ނަންބަރު 13 ސާއިދާ މޫސާ އެވެ. ސާއިދާ މި ލަނޑު ޖަހައިދިނީ އެލީ ނަގައިދިން ބޯޅައެއް މެޗުގެ 7 ވަނަ މިނިޓްގައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިއީ ސާއިދާ މުބާރާތުގައި ޖަހައިދިން 11 ވަނަ ލަނޑެވެ.

މި މެޗުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޮޅިވަރަންފަރު ވަނީ މެޗުގެ 17 ވަނަ މިނިޓްގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑަކީ އެ ޓީމުގެ ޖޯޒީ ނަންބަރު 19 ހާމިދާ ހުސައިން ނަގައިދިން ކޯނަރަކުން ޖާޒީ ނަންބަރު 22 ހުޒޭލާ މުހައްމަދު ރަޝީދު ޖަހައިދިން ހިތްގައިމު ލަނޑެކެވެ.

ކުމުންދޫ ޗެމްޕިއަންކަން ކަށަވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅުންތެރިއެއްގެ ގައިން ނައްޓައިލުމަށްފަހު، އޭރިއާ ބޭރުގައި ހުރެ ހަމަޖެހިލައިގެން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޖޯޒީ ނަންބަރު 8 ނައުފާ އިބްރާހީމެވެ.

މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ކުޅޭ ފިރިހެން ޑިވިޜަންގެ ފައިނަލަށް ފަހުއެވެ. 20:30 ގައި ފަށާ މި މެޗުގައި ވެސް އެއްކޮޅުން ވާދަކުރާނީ ކުމުންދޫ އަށް ނިސްބަތްވާ ޓީމެއްކަމަށްވާ ބީޗް ސިޓީ ސްޕޯޓްސް ކްލަބެވެ. އަނެއްކޮޅުން ވާދަކުރާނީ މުބާރާތް ބާއްވާ ރަށް، ނައިވާދޫގެ ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބެވެ.