އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހްތިޖާޖުގެ ތެރެއިން ބައެއް ދޯނިތަކަށް އަރައި ފިޔަވަޅުއެޅީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދޯނިތަކަށް ދަތިވާހެން އިހުތިޖާޖުކުރަމުންދާތީ ދިން ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާތީ އެކަން ޗެކްކުރުމަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، 2025 ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކި ގޮތްގޮތުން މުއާމަލާތްކޮށްފައެވެ. މިމުއާމަލާތްތަކުގައި، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، އިހުތިޖާޖު ކުރިއަށްގެންދާ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވުމާއެކު، އެކަމުގެ ސަބަބުން އިއްޔެއާއި މިއަދުވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި، އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި، މާލެ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ޑިސެންބަރު 10 ވަނަ ދުވަހުގެ މެންދުރުން ފެށިގެން މުޅި ރޭގަނޑު، އިހުތިޖާޖުގައި ބައިވެރިވި ދޯނިތައް އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެއާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި ފުލުހުންގެ ތަކުރާރު ނަސޭހަތްތަކަށް އިޖާބަ ނުދީ، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށްފައިވެއެވެ. މީގެ އިތުރުން، މާލޭގެ އުތުރު ފަރާތު ފަޅަށް ސަލާމަތީ ބާރުތަކުން ވަނުން މަނާކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކޮށް، ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަންވެސް މަސައްކަތްކޮށްފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.
އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީއާއި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު މެންދުރުފަހުން ފެށިގެން ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައެވެ. އެގޮތުން މި މަސައްކަތް ކުރުމަށްޓަކައި ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން ވަނީ އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!