މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގެ މަސައްކަތްތައް ނިންމާ، އެ ސަރަހައްދު އާއްމުކޮށް ދަތުރުފަތުރުކުރުމަށް ހުޅުވާލައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. ސެގްމެންޓު 1 ގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

Ad
rt

ނިމުނު ސެގްމަންޓްގައި ހިމެނެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށްވާ 130 މީޓަރުގެ ސަރަޙައްދެކެވެ. މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، މަގު ފުޅާކުރުމަށްޓަކައި އެ ސަރަޙައްދުގެ އެއްގަމު ތޮށި ވަނީ 6 މީޓަރު ބޭރަށް ޖައްސައި ތަރައްޤީކޮށްފައެވެ. މީގެ އިތުރުން މަގު ތަރައްޤީކޮށްފައިވަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުގައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުމްލަ ދެ ފިޔަވައްސަކަށެވެ. އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ. ފޭސް 1 ގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށްވާ 5 ސެގްމަންޓްގެ ޖުމްލަ ދިގުމިނަކީ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

އެމްޓީސީސީން ވިދާޅުވެފައިވާ ގޮތުގައި، މިހާރު ސެގްމަންޓް 1 ނިމުމާއެކު ދެން މަސައްކަތް ފަށާނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެއްގެ މަސައްކަތެވެ. މިއީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިންމު ފިޔަވަޅެކެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން އިތުރު ބޮޑު މަޝްރޫޢެއްވެސް ވަނީ ފަށަން ނިންމާފައެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި މާލެ ސަރަޙައްދުގައި މަގު ހެދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.