ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައިފާސްކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް ހިންގާ 35 ބިދޭސީ ވިޔަފާރިއެއް އިންސްޕެކްޓްކޮށް، އޭގެ ތެރެއިން 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހުއްޓުވުމެވެ.

Ad
rt

މިގޮތުން ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި، ރާއްޖޭގައި ވިޔަފާރިކުރުމަށް އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގަވާއިދާ ޚިލާފު ވިޔަފާރިތަކާ ގުޅޭގޮތުން ރިޕޯޓުކުރުމަށް ހުޅުވާލުމަށްފަހު މިހާތަނަށް 125 ރިޕޯޓު ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. ލިބުނު ރިޕޯޓުތަކާ ގުޅިގެން 35 ތަނެއް އިންސްޕެކްޓްކުރެވިފައިވާއިރު، އޭގެ ތެރެއިން 11 ވިޔަފާރިއެއް ބަންދުކުރެވުނު ސަބަބުތަކުގެ ތެރޭގައި ވިޔަފާރިކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެއެވެ.

ގަވާއިދާ ޚިލާފު ވިޔަފާރިތަކާ ގުޅޭ މަޢުލޫމާތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅައިގެން ނުވަތަ trade.gov.mv މެދުވެރިކޮށް ރިޕޯޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތް އިތުރަށް ވަރުގަދަކޮށް، ގަވާއިދާ ޚިލާފު ހުރިހާ ވިޔަފާރިއެއް ހުއްޓުވުމަށް ނޭޝަނަލް ޓާސްކްފޯހުން ދަނީ މަސައްކަތް ކުރަމުންނެވެ.