ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025" އިއްޔެ ފަށައިފިއެވެ.

ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުތައް ފަށާފައި ވަނީ އަންހެން ޑިވިޜަންގެ ބައިންނެވެ.

Ad
rt

މިގޮތުން ފުރަތަމަ ބައްދަލުކޮށްފައި ވަނީ ފިނޭގެ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) އާއި ހަނިމާދޫގެ ޓީމް ހަނިމާދޫއެވެ. މި މެޗު ފިނޭ ވަނީ 3-1 އިން ހަނިމާދޫގެ މައްޗަށް ކުރި ހޯދާފައެވެ. އަންހެން ޑިވިޜަންގެ ދެވަނަ މެޗެއް ވެސް އިއްޔެ ކުޅެފައިވާއިރު މިމެޗު ކުމުންދޫގެ ކުމުންދޫ ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ ނައިވާދޫ ޓްރޭނާސް 4-1 އިން ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ދެ މެޗު ރޭ ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި 1-0 އިން ކުމުންދޫ ބީޗު ސިޓީ ސްޕޯޓްސް ކްލަބް އިން ނެއްލައިދޫ ނިކަ ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްފައިވާއިރު، ދެވަނަ މެޗު ޓީމް ހަނިމާދޫ ކާމިޔާބުކުރީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް 5-0 އިން ބަލިކޮށްގެންނެވެ.

ހދ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި ބައިވެރިވި ޓީމުތައް

  • މަގުލަސް ކްލަބް - ކުޅުދުއްފުށި ސިޓީ
  • ޓީމް ހަނިމާދޫ - ހަނިމާދޫ
  • އަޅޭ ސްޕޯޓްސް ކްލަބް - ނައިވާދޫ
  • ޓްރޭނާސް ސްޕޯޓްސް ކްލަބް - ނައިވާދޫ
  • ބީޗު ސިޓީ ސްޕޯޓްސް ކްލަބް - ކުމުންދޫ
  • ނިކަ ސިޓީ ސްޕޯޓްސް ކްލަބް - ނެއްލައިދޫ
  • އީސްޓް ވިންގް ސްޕޯޓްސް ކްލަބް - ނެއްލައިދޫ
  • ކްލަބް ޑޮމިނޭޓާސް - ހިރިމަރަދޫ
  • ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) - ފިނޭ

މިމުބާރާތުގެ އަންހެން ޑިވިޜަންގައި ބައިވެރިވި ޓީމުތައް

  • ޓީމް ހަނިމާދޫ - ހަނިމާދޫ
  • ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) - ފިނޭ
  • ޓްރޭނާސް ސްޕޯޓްސް ކްލަބް - ނައިވާދޫ
  • ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް - ނޮޅިވަރަންފަރު
  • ކުމުންދޫ ސްޕޯޓްސް ކްލަބް - ކުމުންދޫ

މި މުބާރާތުގެ ހަތަރު މެޗު މިއަދު ވެސް ކުޅޭނެއެވެ.