ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނުގެ ވަގުތު ހަމަވައިރު، 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ އިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ، ޕީއެސްއެމުން އާންމުކުރި މި ތެލެތޯނުން ލިބުނު އެހީގެ ޢަދަދުތައް ދައްކާގޮތުން ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯނަށް، މިއަދު މެންދުރު 2:22 އާ ހަމައަށް ބީއެމްއެލް އެކައުންޓަށް ވަނީ 11,415,915 ރުފިޔާ ލިބިފައިވާކަމަށް ޕީއެސްއެމުން ބުންޏެވެ. މިފައިސާގެ ތެރޭގައި 10,743,125 ރުފިޔާ އާއި 43,631 ޑޮލަރު ހިމެނެއެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި އެއްކުރެވުނު ވަރަށް ބޮޑު އެހީގެ ޢަދަދެކެވެ.
ސްރީލަންކާއަށް މިމަހުގެ 26 ގައި ކުރިމަތިވި ތޫފާން ދިތުވާއާ ގުޅިގެން އެޤައުމު ކާރިސާގެ ޙާލަތަށް ގޮސްފައިވާއިރު، 37 މީޑިއާއެކު މިކުރިއަށް ގެންދާ ޓެލެތޯނަކީ އެޤައުމަށް އެހީތެރިވުމަށްޓަކައި ހިންގި ބޮޑު ހަރަކާތެކެވެ.
ޓެލެތޯނަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ހޯމަ ދުވަހުގެ މެންދުރުފަހާ ހަމައަށް ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!