ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނަސްރީން އިސްތިއުފާ ދެއްވީ ކުރު މުއްދަތެއްގެ ތެރޭގައި އެ މަގާމުގައި ހިދުމަތް ކުރެއްވުމަށް ފަހުގަ އެވެ.
ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ، އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ.
ދައުލަތުގެ މީޑިއާއާ ގުޅިވަޑައިގެންނެވިތާ 15 އަހަރު ވެފައިވާ ނަސްރީން ވަނީ ޕީއެސްއެމްގެ އެކި އިސް މަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން، އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމުގެ އިތުރުން ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަުކަމުގެ މަގާމު ވެސް ނަސްރީން ވަނީ ފުރުއްވައިފަ އެވެ.
ނަސްރީނަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ތިން ވަނަ ބޭފުޅާ އެވެ. ނަސްރީނުގެ ކުރިން އެ މަގާމު ފުރުއްވީ ޒީނާ ޒާހިރާއި މުހައްމަދު ސައީދެވެ. އެ ދެ ބޭފުޅުން ވެސް އެކި ސަބަބުތަކާ ހެދި އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!