ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފްލީޓް ރިވިއު (އައިއެފްއާރް2025) ގައި ބައިވެރިވުމަށް، ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް) ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ފުރައިފިއެވެ.

މި ހަރަކާތަކީ ސްރީލަންކާގެ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ބޮޑު އިވެންޓެކެވެ. މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއާއި ޓްރިންކޮމަލީގައެވެ.

Ad
rt

ދިފާއީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރިވިއުގައި ދުނިޔޭގެ 20 ގައުމެއްގެ ނޭވީން ބައިވެރިވާނެއެވެ. ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، އިޓަލީ، އަދި ރަޝިއާ ފަދަ ގައުުމުތަކުގެ ކަނޑުގެ އުޅަނދުތަކާއި ވަފުދުތައް ހިމެނެއެވެ.

އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ނޮވެންބަރު 27 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި އޮޕަރޭޝަނަލް ޑެމޮންސްޓްރޭޝަންތަކާއި، ގައުމުތަކުގެ ސަގާފީ ހަރަކާތްތަކާއި އަދި ޕްރޮފެޝަނަލް އިންޓަރެކްޝަންތައް ހިމެނެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ސާފުކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ސަގާފީ އަދި އަސްކަރީ ބޭންޑުތަކުގެ ހުށަހެޅުންތަކާއި، ފުޑް ގާލާގެ އިތުރުން ސިޓީ ޕެރޭޑް އަދި ޝިޕްތަކަށް ޒިޔާރަތްކުރުން ފަދަ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

ކޮލޮމްބޯއިން ޓްރިންކޮމޮލީއަށް ޝިޕްތަކުން ފަށާ ދަތުރު ރިވިއުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. މިއީ ސްރީލަންކާއިން ބާއްވާ ތިންވަނަ ބައިނަލްއަޤްވާމީ ފްލީޓް ރިވިއުއެވެ.