ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ އަދި އެކްސްރޭގެ ޚިދުމަތްތައް ދިނުމަށްޓަކައި އިތުރުކުރާ ޢިމާރާތުގެ މަސައްކަތް މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް އެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމުގައިވާ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުލް ލަތީފް މުޙައްމަދު (ލަތީބެ) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 4.9 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 06 މަސްދުވަހެވެ.
އިތުރުކުރެވޭ މި ޢިމާރާތުގައި ހިމެނޭނެ މުހިންމު ބައިތަކުގެ ތެރޭގައި ސީޓީ ރޫމް، އެކްސްރޭ ރޫމް، އަލްޓްރާސައުންޑް ސްކޭން ރޫމް އަދި ސްޕީޗް ތެރަޕީ ރޫމް ހިމެނެއެވެ.
މި ޚިދުމަތްތައް ޤާއިމުވުމުން ހއ. އަތޮޅުގެ ރައްޔިތުންނަށް ކުރިން މާލެއަށް ނުވަތަ އެހެން ހޮސްޕިޓަލްތަކަށް ދާންޖެހޭ ބައެއް ޚިދުމަތްތައް އަތޮޅު ހޮސްޕިޓަލުން ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަވެ، ޞިއްޙީ ޚަރަދުތައް ކުޑަވުމަށް އެހީތެރިވެގެންދާނެއެވެ.
މި މަހުގެ 22 ވަނަ ދުވަހު ވަނީ ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ ވެސް އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!