އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)އަށް ވިހަން ގޮސް ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެ، ކުއްލި ސިޒޭރިއަނެއް ހެދި އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވި ހާދިސާއަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނަޒާހަތު ނިޔާވީ ސިޒޭރިއަނަށް ފަހުއެވެ. އޭނާ އަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރެއްގެ މަގާމު ފުރަމުން ދިޔަ މީހެކެވެ.

Ad
rt

ނަޒާހަތު ނިޔާވި ހާދިސާ އާއި ގުޅިގެން ރައީސް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް އެމަނިކުފާނަށް ކުރުވި ކަމެއް ކަމަށެވެ.

''އައްޑޫ ސިޓީ ކައުންސިލްގައި ޚިދުމަތް ކުރައްވަމުން ގެންދެވި، މަރްޙޫމާ ޢާއިޝަތު ނަޒާހަތު އަޙްމަދަށް، ޝަހީދެއްގެ ދަރަޖަ މާތްﷲގެ ޙަޟްރަތުގައި ދެއްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި ލެއްވުން އެދި ދުޢާކުރަން.'' ރައީސް ވިދާޅުވެފަވެއެވެ.

އެމަނިކުފާނު ވަނީ އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވައި، އަދި މަރްޙޫމާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވާފައެވެ.

އެ ހާދިސާއާއި ގުޅިގެން އައިއެމްޑީސީން ބުނެފައި ވަނީ، މާބަނޑު މީހާ (ނަޒާހަތު)ގެ ސިއްހީ ހާލަތު ބަދަލުވެގެންދިޔައީ ހަމަ ކުއްލިއަކަށް ފަތިހު 4:39 ހާއިރު ކަމަށެވެ. އަދި އެއީ މީގެ ކުރިން ބަލިމީހާގެ ފުށުން ފެނިފައި ނެތް ހާލަތެއް ކަމުން ވަގުތުން އެމަޖެންސީގައި ފަރުވާދޭން ފެށިކަމަށް އެ ހޮސްޕިޓަލުން ބުނެފަވެއެވެ. އެ ހޮސްޕިޓަލުން ބުނެފައި ވަނީ ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނަސް، ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތުން ވެސް ކުއްލި ސިއްހީ ހާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތްކުރެވިފައިނުވާތީ ހިތާމަކުރާކަމަށެވެ. އަދި މިއީ 2011 ވަަނަ އަހަރު އައިއެމްޑީސީގެ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލަޖީގެ ހިދުމަތް ތައާރަފުކުރި ފަހުން މިފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރުކަމަށް ވެސް އެތަނުން ބުނެފަވެއެވެ.