ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ އެއަތޮޅު އުއްދޫ އަށް، ޕިކްނިކްދާން ހުޅުވާލިފަހުން 3178 މީހުން ޒިޔާރަތްކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާ އިން ބުނެފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާ އިން ބުނީ، ދ.އަތޮޅު ރައްޔިތުން ޕިކްނިކް ދިޔުމަށް ރައީސް އެ ރަށް ހަމަޖެއްސެވުމާއެކު، ރަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސައި، އެ ރަށަށް ދަތުރުދާ ފަރާތްތަކަށް އެ ރަށުން އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް އެ ވުޒާރާއިން ހަމަޖައްސައިދިން ކަމަށެވެ.
އެ ރަށް މި އަހަރުގެ އޮގަސްޓު މަހުން ފެށިގެން ބޭނުންކުރަން ފަށާފައިވާއިރު، މިހާތަނަށް (24 ނޮވެމްބަރު 2025) 3178 މީހުން ރަށުން ހިދުމަތް ހޯދާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ވަނީ ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި އުއްދޫއަށް ޕިކްްނިކް ދެވޭނެގޮތަށް ހަމަޖައްސާފައެވެ.
އުއްދޫ އެއަތޮޅު ރައްޔިތުންނަށް ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހު އެއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އުއްދޫއަކީ އެއިގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ ރަށެކެވެ. އެރަށް ސަރުކާރަށް ނެގީ ކުއްޔަށްދިން މުއްދަތު ހަމަވުމުންކަމަށް އެއިރު ސަރުކާރުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!