ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ (ޕޭ ހާމަނައިޒްކުރުމުގެ) ފުރިހަމަ ކުރިއެރުން ލިބެން ފަށާނީ މި އަހަރުގެ ޑިސެންބަރު މަހުގެ މުސާރައާއިއެކުގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި ބަދަލުގެ ސަބަބުން ދައުލަތުގެ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ފިނޭނުންސުން ބުނެފައިވާއިރު، މިއީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާގޮތުގައި ނޮވެންބަރު މަހުގެ މުސާރައިގައި މި ބަދަލުގެ އެއްބައި ހިމެނޭނެ ކަމަށާއި، ފުރިހަމަ މިންވަރު ޑިސެންބަރުގައި ލިބޭ ސަބަބަކީ މުސާރަ ހިސާބުކުރާ އުޞޫލެވެ. މުސާރަ ހިސާބުކުރަނީ ވޭތުވެދިޔަ މަހުގެ 16 އިން މިހާރު ހިނގާ މަހުގެ 15 އަށް ކަމުގައިވާތީ، ނޮވެންބަރު މުސާރައިގައި ހިމެނޭނީ ޕޭ ފްރޭމްވަރކްގެ ދަށުން ކަނޑައެޅުނު އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައެވެ.
މި ބޮޑު ބަދަލުގެ ތެރެއިން މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ހައްލުކުރުމަށްޓަކައި ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް" ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފިނޭންސް ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މި އެލަވަންސް ދިނުމުގެ މަޤްޞަދަކީ އެއްވެސް މުވައްޒަފެއްގެ އާމްދަނީއަށް ނޭދެވޭ އަސަރެއް ނުކުރުން ކަށަވަރުކުރުމެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ އިތުރުގަޑީގެ ފައިސާ ދިނުން މަދުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމައަށް ހިފުމުގެ ސަޤާފަތެއް އާލާކުރުންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ އާމްދަނީ ރަނގަޅުކޮށް، ވަރކް-ލައިފް ބެލެންސެއް ޤާއިމުކޮށް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިކުރުން ވެސް ހިމެނޭކަމަށް ފިނޭންސުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!