ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާދަމަ ރޭ (23 ވާ އާދީއްތަ ދުވަަހުގެރޭ) ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް މުޢިއްޒު ވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، 17 ނޮވެމްބަރު 2025 ގައި "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޢިއުލާންކުރަށްވާފައެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު އިޢުލާނުކުރެއްވި އިޢުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވޭ ބައްދަލުވުން 25 ނޮވެމްބަރު 2025 ވާ އާދީއްތަ ދުވަަހުގެރޭ އޮންނާނެ ކަމަށެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 20:30ގައި މި ވިލިމާލޭ މުޙްޔިއްދީން ސްކޫލްގައެވެ.
އެހެންވެ، ސަރުކާރުން ވަނީ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދަޢުވަތު އަރުވާފައެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅުވައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު ބާއްވަވާނެކަމަށް ވިދާޅުވެފައެވެ. ރައީސް މީގެ ކުރީން ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!