ފަތުރުވެރިކަމުގެ ދާއިރާގައި ހަލާލު ޓޫރިޒަމްގެ މޮޑެލް ތައާރަފުކުރުމުގެ ގޮތުން، ބޮޑު ތިލަދުންމަތީގެ ހަތަރު ތަނެއް ހިމެނޭހެން ޖުމްލަ ފަސް ތަނެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ރަށްތަކުގައި ރިސޯޓު ތަރައްގީކުރާނީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށެވެ.

މި ބީލަމަށް ހުޅުވާލާފައިވާ ފަސް ތަނުގެ ތެރޭގައި ހިމެނެނީ ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)، ހއ. ކަނޑާލިފިނޮޅު (5.05 ހެކްޓަރުގެ ބިން، 100 އެނދު)، ހދ. މަކުނުދޫ ފަރު (200 ހެކްޓަރުގެ ބިން، 150 އެނދު)، ށ. ފުށިފަރު (4.34 ހެކްޓަރުގެ ބިން، 100 އެނދު) އަދި ލ. ފޮނަގާދޫ (8.18 ހެކްޓަރުގެ ބިން، 100 އެނދު) އެވެ. މި ރަށްތަކުގައި ތަރައްޤީކުރާ ރިސޯޓުތަކުގެ ޖުމްލަ އެނދު އެދުގެ އަދަދު 550 އެނދަށް އަރައެވެ.

Ad
d

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލާފައިވާ މި ފަސް ތަން 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ކުއްޔަށް ދޫކުރެވޭ ހިސާބުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެ ކަމަށާއި، އަދި މި ރަށްތައް ތަރައްގީކުރުމަށް ބިން ހިއްކުމުގެ ހުއްދަ ވެސް ދެވޭނެ ކަމަށެވެ.

ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ރިސޯޓުތައް ތަރައްގީކުރާ ފަރާތްތަކަށް ވަރަށް ގިނަ ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ މި ރަށްތަކަށް އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، މި ރަށްރަށުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 ހަމައަށް މައާފްކުރެވޭގޮތަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްގީކުރުމަށް ދީފައިވާ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދިނުމަށް ވަނީ ނިންމާފައެވެ. މި ލުއިތަކުގެ ސަބަބުން މި ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ދެ ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު އަދި 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 09:00 ގައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް 08 ޑިސެންބަރު 2025 ވާ ހޯމަ ދުވަހު އަދި 05 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ވުޒާރާއަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ބީލަން ފޮތް ލިބެން ހުންނާނީ 23 ނޮވެންބަރު 2025 އިން 02 ފެބުރުވަރީ 2026 އާ ދެމެދު، ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އާ ދެމެދު ވުޒާރާގެ ރިސެޕްޝަނުންނެވެ.

Ad
df

މީގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގަން މިއަދު ބީލަމަށް ހުޅުވާލާފައެވެ.