ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް މިއަދު ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ބީލަމުގެ ފުރުސަތު ހުޅުވާލައި ކޮށްފައިވާ ޢިއުލާންގައިވާގޮތުން ހދ. އަތޮޅުގެ ފަސް ތަނަކާއި، ހއ. އަތޮޅުގެ ފަސްތަނަކާއި އަދި ށ.އަތޮޅުގެ ތިން ތަނެއްގައި ރިސޯޓު ހަދައި ހިންގަން ވަނީ ހުޅުވާލާފައެވެ.

Ad
rt

އެއީ، ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށާއި، ހއ. މާދުނީގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށާއި، ހދ. މަކުނުދޫގެ ފަރުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށާއި، ހދ. މާފަރުގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށާއި، އަދި ށ. ގޮނާގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށެވެ.

ހއ.މާދުނި ފަތުގައި ތަރައްގީ ކުރަން ހުޅުވާލާފައިވާ ކޮންމެ ރިސޯޓަކަށް 200 ހެކްޓަރު ދޫކުރުމަށް ވަނީ ނިންމާފައެވެ. ކެލާފަޅުން އެއް ރިސޯޓު ހެދުމަށް 156.2 ހެކްޓަރު އަދި ދެވަނަ ރިސޯޓު ހެދުމަށް 169.3 ހެކްޓަރު ދޫކުރުމަށް ވަނީ ނިންމާފައެވެ.

ހދ. މަކުނުދޫ ފަރާއި، މާފަރު ފަރާއި އަދި ށ. ގޮނާ ފަރުގައި ތަރައްގީކުރާ ކޮންމެ ރިސޯޓެއް ތަރައްގީކުރުމަށް 200 ހެކްޓަރު ދޫކުރުމަށް ވަނީ ނިންމާފައެވެ.

ބޮޑު ތިލަދުންމަތިން ފަތުރުވެރިކަމަށް ހުޅުވާލި ތަންތަން

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު އަދި 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރި، ބީލަން ހުށަހެޅުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ރާއްޖޭގައި ފަތުރުވެރިކަން އެކަށީގެންވާގޮތަށް މިހާތަނަށް ތަރައްޤީނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުތައް ދާދިއަވަހަށް ފެށޭނެކަމަށް މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި ފަޅުތަކާއި ފަރުތައް ފަތުރުވެރިކަމަށް ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ ގިނަ ލުއިތަކާއެކުގައެވެ. މިގޮތުން ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން ސާމާނުން ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

މި ފަޅުތައް ކުށްދެނީ 50 އަހަރަށެވެ. އަދި ތަން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހެއެވެ.