ޑިޖިޓަލް ދުނިޔޭގައި އިތުރު އިންޤިލާބެއް ގެނައުމަށްޓަކައި، ގޫގުލްއިން މިއަދު އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ އާ ސަބްސީ ކޭބަލް ސިސްޓަމެއް ކަމަށްވާ 'ދިވަރު' އިޢުލާންކޮށްފިއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖެއާއި، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވައިލާނެ މަޝްރޫޢެކެވެ. މިއީ އިންޑިއަން ކަނޑު ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ، އިތުބާރު އަދި ހަރުދަނާކަން އިތުރުކުރުމަށް ގޫގުލްއިން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ.
ގޫގުލްއިން ހާމަކުރި ގޮތުގައި، މި ސިސްޓަމް ބިނާކުރެވިފައިވަނީ މީގެކުރިން ފަށާފައިވާ "އޮސްޓްރޭލިއާ ކަނެކްޓް" އިނިޝިއޭޓިވްގެ މައްޗަށެވެ. މިއަދު ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ މިންވަރު ހީވެސްނުކުރާހާ ބާރުމިނެއްގައި އިތުރުވަމުންދާއިރު، ގޫގުލްގެ ޖެމިނައި 2.5 ފްލޭޝް އިމޭޖް އަދި ވަރޓެކްސް އޭއައި ފަދަ އާ ޚިދުމަތްތަކަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، ހަރުދަނާ އަދި އިތުބާރު ހުރި ކަނެކްޓިވިޓީގެ މުހިންމުކަން ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، މި ދިގުދެމިގެންދާ ޑިމާންޑް ފުއްދުމަށްޓަކައި ގޫގުލްއިން މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދެއެވެ.
މި ކޭބަލް ސިސްޓަމަށް ދީފައިވާ "ދިވަރު" މިނަން ނިސްބަތްވަނީ ދިވެހި ބޮޑު ދޯނިފަހަރުގެ ބޮޑު ރިޔަލަށް ކޮންޓްރޯލް ކުރާ ވާދޯންޏަށެވެ. މިނަމުން ދޭހަކޮށްދެނީ ދިވެހި ކަނޑުމަގު ހޯދާ ފަޅުވެރިންގެ ހުނަރާއި، ގާބިލްކަން، ބާރު، އަދި ތަޖުރިބާއެވެ.
ގޫގުލްއިން ވަނީ މި ސަބްސީ ކޭބަލް މަޝްރޫޢުގެ އިތުރުން، މި ސަރަޙައްދުގައި ދެ ކަނެކްޓިވިޓީ ހަބެއް ޤާއިމުކުރުމަށް ވެސް އިންވެސްޓްކުރާނެކަން ހާމަކޮށްފައެވެ. އެފްރިކާ، މިޑްލް އީސްޓް، ދެކުނު އޭޝިއާ އަދި އޯޝަނިއާ ހިމެނޭ ސަރަޙައްދުގެ ޑިޖިޓަލް ކަނެކްޓިވިޓީ ރަނގަޅުކުރުމަށް އެހީތެރިވުމަށްޓަކައި، ދިވެހިރާއްޖެއާއި ކްރިސްމަސް އައިލެންޑަކީ މިފަދަ ކަނެކްޓިވިޓީ ހަބް ތަކަށް ރަނގަޅަށް ގުޅިފައިވާ ތަންތަނެއްކަން ގޫގުލްއިން ފާހަގަކުރިއެވެ.
ގޫގުލް އިން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރާށެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި، ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެއް ކަމަށެވެ. އަދި މިނިސްޓްރީން ބުނި ގޮތުގައި ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ.
މި މަޝްރޫޢާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ގޫގުލްއިން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ނިންމެވުމަކީ، ރާއްޖޭގެ ހަމަޖެހޭ އަދި އިންވެސްޓްމަންޓްތަކަށް ހުޅުވިފައިވާ މާޙައުލަށް ލިބުނު ވަރަށް ބޮޑު އިތުބާރެއްކަމަށެވެ. އަދި ތަފާތު، އެންމެން ބައިވެރިކޮށްފައިވާ، އަދި ޑިޖިޓަލްކުރެވިފައިވާ ދިވެހި އިޤްތިޞާދަކަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައިވާ ތަޞައްވުރު ޙާސިލްކުރުމަށް ލިބުނު ސީދާ އެއްބާރުލުމެއްކަމަށް ވެސް ވިދާޅުވެފަވެއެވެ.
މި މަޝްރޫޢުއާއި ގުޅިގެން ރާއްޖޭގެ އެއް މުއާސަލާތީ ކުންފުނި އޫރިދޫ މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ، ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ދިވެހިރާއްޖޭގައި އާ ކަނެކްޓިވިޓީ ހަބެއް ޤާއިމުކުރުމުގެ މި މުހިންމު މަޝްރޫޢުގައި ގޫގުލްއާއެކު ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި މަޝްރޫޢަކީ ޤައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ޑިޖިޓަލް ބަދަލުތަކުގެ ދެވަނަ މަރުޙަލާ ފެށުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވެފަވެއެވެ.
''ޑިޖިޓަލް ޚިދުމަތްދޭ މައި ކުންފުންޏެއްގެ ހައިސިއްޔަތުން، އޫރިދޫ މޯލްޑިވްސްއިން ދަނީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި ޑިޖިޓަލް ޚިދުމަތްތައް ޤައުމީ ފެންވަރުގައި ފުޅާކުރަމުން، މި ކުރިއެރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް ފަދަ ވިޔަފާރިތަކަށް އާ ފުރުޞަތުތައް ހުޅުވިގެންދާނެ، އެގޮތުން، ސްމާޓް އޮޕަރޭޝަންތަކާއި، ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުވެ، އަދި ދުނިޔޭގެ ފެންވަރަށް ވާޞިލްވުމުގެ ފުރުޞަތު ފަހިވާނެ، ޑިޖިޓަލް މޯލްޑިވްސްގެ ކުރިއަށް އޮތް މަރުޙަލާއަށް ބާރުދޭ ކުންފުންޏެއްގެ ގޮތުގައި ހިމެނުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް." ޚާލިދް ވިދާޅުވެފަވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ޑިޖިޓަލް ހަބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!