ސަރުކާރުގެ "ޓެކްސީ ލައިން" ގެ ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ މާލޭ ސޯޝަލް ސެންޓަރުގައި ބާއްވަމުން އަންނަ ''ރައްޔިތުންނާއިއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި'' ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ދަތުރުފަތުރުގެ ފަސޭހަތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، އާރުޓީއެލް ފެރީގެ ޚިދުމަތް ނުދެވި ހުރި އަތޮޅުތަކަށްދީ ނިންމުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ބާކީ އަތޮޅުތަކުގައި މި ޚިދުމަތް ފަށައި، މުޅިރާއްޖެއަށް ޚިދުމަތް ފުޅާކުރެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާލޭގައި ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މިހާރު ދަނީ ޓެކްސީތައް ތައްޔާރުކުރުމުގެ މަރުޙަލާކަމަށެވެ.

''އިރާދަކުރެއްވިއްޔާ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި މި ޚިދުމަތް މާލޭގައި ފެށޭށެ'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ޚިދުމަތް ދިނުމުގައި ޓެކްސީ ޑްރައިވަރުން ބާކީ ނުކުރަށްވާނެކަމަށެވެ. އަދި އެ ޚިދުމަތް ދޭނީ ޓެކްސީ ޑްރައިވަރުން ބައިވެރިކޮށްގެންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި ޚިދުމަތް ދިނުމަށް އެ ކުންފުންޏާއި ސަރުކާރުން ހަވާލުކޮށްފައި ވަނީ 12 ފެބްރުއަރީ 2025 ގައެވެ. މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލްތައް ބޭނުންކޮށްގެން ދޭ ޚިދުމަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.