އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ މުބާރާތުގައި ހަމައެކަނި ހަނިމާދޫ ކުޅުންތެރިން ހިމަނައިގެން ކުޅުނު ހަނިމާދޫ ޓީމުން ހޯދި ނަތީޖާއަކީ ބޮޑު ކާމިޔާބެއްކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުޙައްމަދު ވިދާޅުވެއްޖެއެވެ.
11 ނޮވެމްބަރު 2025 ގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި 3-1 ކުޅުދުއްފުށީ އަތުން ބަލިވުމުން ހަނިމާދޫ އަށް ވަނީ ޗެމްޕިއަންކަން ގެއްލިފައެވެ.
ޗެމްޕިއަންކަން ގެއްލުނު ނަމަވެސް މުބާރާތް ފެށެން ހަތަރު ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ހަމައެކަނި ރަށުގެ ކުޅުންތެރިންނަށް ފުރުސަތު ދީގެން ޕްރެކްޓިސް ފެށި ހަނިމާދޫ އިން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ހަނިމާދޫގެ ފުރަތަމަ މެޗުގައި 3-0 އިން ނޮޅިވަރަމް ބަލިކޮށްފައިވާއިރު، ދެވަނަ މެޗުގައ 2-3ގެ ނަތީޖާއިން ވަނީ ނެއްލައިދޫ ބަލިކޮށްފައެވެ. ނަމަވެސް ތިންވަނަ މެޗު 3-2 ލަނޑުން ވަނީ ކުޅުދުއްފުށީ އަތުން ބަލިވެފައެވެ. މިނަތީޖާއާއެކު ދެ މެޗުން ހޯދި ހަ ޕޮއިންޓާއި ފައިދާ ގޯލުގެ ތަފާތުން ހަނިމާދޫ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގައި ހަނިމާދޫން ހޯދި ކާމިޔާބަށް މަރުޙަބާ ކިޔައި ފިރާގް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުންބޭރުން އަދި ރަށުން ބޭރުން އެއްވެސް ކުޅުންތެރިއަކާ ނުލާ ހަމައެކަނި ހަނިމާދޫ ކުޅުންތެރިން ހިމަނައިގެން ޓީމް ހަނިމާދޫ ފައިނަލް މެޗުގައި ދެއްކި ހިތްވަރާއި މުބާރާތުގައި ހޯދި ކާމިޔާބީއަކީ ބޮޑު ކާމިޔާބީއެއްކަމަށެވެ.
''ޓީމު ހަނިމާދޫ ޒޯންގައި ވާދަކުރުމަށްޓަކައި ކުޅުންތެރިންނާ އޮފިސަލުން ކުރި ބުރަމަސައްކަތާ އަދިވެސް ޓީމަށް އެހީތެރިވެދެއްވި އެއްމެހައި ފަރާތްތަކަށާއި އެއްމެހާ ސަޕޯޓަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވަން'' ފިރާގު ވިދާޅުވެފައިވެއެވެ.
ހަނިމާދޫ ޓީމުގެ ކޯޗަކީ ނިއުރޭޑިއެންޓާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، މުޙައްމަދު ނާސިރެވެ.
އުތުރުގެ ޒޯން އެކެއްގައި ހިމެނޭނީ ހއ. އާއި ހދ. އަދި ށ އަތޮޅުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. އެހެންކަމުން އުތުރުގެ ސަރަހައްދީ ޒޯންތަކުގެ ތެރެއިން ޒޯން އެކެއްގެ މުބާރާތުގައި ކުޅުދުއްފުއްޓާއި، ހަނިމާދޫ ވެސް ކުޅޭނެއެވެ.
އުތުރު ޒޯން އެކެއްގެ ޓީމުތަކުގެ މެދުގައި ކުޅޭ ބުރަށް ފަހު އެ ބުރުން ގަދަ ދެ ޓީމު ކޮލިފައިވާނީ އުތުރުގެ ސަރަހައްދީ ލީގަށެވެ.
އުތުރު ޒޯނުން ހއ.އަތޮޅުން ބައިވެރިވީ ދިއްދޫ އާއި އިހަވަންދޫ އެކަންޏެވެ. އެހެންވެ އެ ދެޓީމުގެ ދެމެދުގައި ދެ މެޗު ކުޅޭނެއެވެ. މިތަނުން ފުރަތަމަ މެޗު އޮކްޓޯބަރު 9 ގައި ކުލެފައިވާއިރު، މި މެޗު 1-3 ގެ ތަފާތަކުން ދިއްދޫ ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު ކުޅުނީ އިހަވަންދޫގައެވެ. މި ދެ ޓީމު ދިއްދޫގައި ކުޅޭ މެޗު އޮންނާނީ މިއަދެވެ.
މި މުބާރާތުގައި ށ.އަތޮޅުން ޓީމެއް ބައިވެރިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!