" ޒިޔާދު! " ފޯނު ކަނޑާލުމަށްފަހު އަހަރެން ބުނީ ދޮރާ ދިމާލަށް ބަލައިލަމުންނެވެ.
" ވަޓް؟" ހުސެން ބުންޏެވެ.
އަހަންނާ އެއްވަރަށް ހުސެން ވެސް ހުރީ ހާސްވެފައެވެ. ހިތް އަވަސް ވެފައި ހުރި ވަރުން ކޮޓަރިއާ ދިމާލަށް އަހަަރެން ދުއްވައިގަތީ، ހުސެންއަށް އިޝާރާތެއް ވެސް ނުކޮށެވެ. އެއާއެކު ހުސެން ވެސް އަހަރެންގެ ފަހަތުން އައެވެ.
" ކީއްވެ ޒިޔާދު އަންނަކަން އެނގޭއިރު އަހަރެން ކައިރީ މި ގެއަށް އަންނަން ބުނީ؟" ހުސެންގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.
އެއްވެސް އެއްޗެއް އޮޅުން ފިލުވައިދޭނެ ވަގުތު އަހަންނަކަށް ނެތެވެ.
" ތި ވާހަކަތައް ދައްކާނީ ފަހުން ދެން. އިހަށް އާދޭ އަހަންނާއެކު. އަވަސް." އަލަމާރީގައި އޮތް ތަޅުދަނޑި ނެގުމަށް ފަހު، ހުސެންގެ އަތުގައި ހިފަމުން އަހަރެން ކޮޓަރިން ނިކުތީ ދުވަމުން ކަހަލަ ގޮތަކަށެވެ.
" ކޮންތާކަށް؟" ހުސެން ބުންޏެވެ.
" މި ކޮޓަރި ފާހާނާއަށް ވަދެފަ ހުރޭ. ޕްލީޒް! " އަހަރެން ބުނީމެވެ.
އޭރު ވެސް ހުސެން އަހަންނަށް ބަލަމުން ދިޔައީ ރުޅި އައިސް ހުރެއެވެ. ހުސެން ކޮޓަރިއަށް ވަނުމާއެކު އަހަރެން ކޮޓަރީގެ ދޮރު ލައްޕާ ތަޅުލީމެވެ. އެއާއެކު އަނެއްކާ ވެސް ޒިޔާދު ގުޅަން ފެށިއެވެ. ފޯނު ކަނޑާލުމަށްފަހު އަހަރެން ގޮސް ދޮރު ހުޅުވީ ހަމަޖެހޭ ގޮތް ދައްކަމުންނެވެ.
" ހާދަ އިރެއްވީ؟ ގައިމު ބުނި އެކަމު ނުނިދަމޭ." ޒިޔާދު ބުންޏެވެ.
" އާނ. އޭރު ހުރީ ފާހާނާގައޭ. އެހެންވެ... ލަސްވީ" އަހަރެން ބުނީމެވެ.
ގެއަށް ވަތް ގޮތަށް، އަހަންނަށް ވެސް ސަމާލުން ދިނުމެއް ނެތި ދަބަސް ވެސް ނުބަހައްޓާ އޭނާ ހިނގައިގަތީ އެ ކޮޓަރިއާ ދިމާލަށެވެ. އަހަރެންގެ މެޔަށް ފިނިވެގެން ދިޔައެވެ. ނިތްކުރިމަތިން ދާ ހިއްލަން ފެށިއެވެ.
" ކޮބާ ތަޅުދަނޑި؟" ޒިޔާދު އެހިއެވެ.
" ކޮ..ކޮން؟" އަހަރެންގެ އަޑު ބޭރުވީ ހަމަ ކިރިޔާއެވެ. ގެއަށް ވަތް ގޮތަށް ޒިޔާދަށް މުހިއްމުވީ އެ ކޮތަޅެވެ. އޭނާ އޭރު ވެސް ހުރީ އެ ކޮޓަރިއަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ބުނީމެއްނު ބޮސްގެ ކޮތަޅު އަލަމާރިއަށް ލައިފައި ރޫމް ތަޅުލައްޗޭ. ދޭ ތަޅުދަނޑި ނަގަން." ޒިޔާދު އެހެން ބުނެ، އެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ތަޅުދަނޑި އޮތީ އަހަރެންގެ މުށުތެރޭގައެވެ. ނަމަވެސް ވަގުތުން ތަޅުދަނޑި ދީފިއްޔާ އޭނާއަށް ޝައްކު ވެދާނެތީ އަހަރެން ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ.
" ދެން ހަމަ... މިރޭ އެ ކޮތަޅު ބޭނުން ވާނެތަ؟ ލިލީ ދެކިލަން... ރޫމަށް އާދެބަލަ. " އަހަރެން ބުނީމެވެ.
އޭރު ޒިޔާދު އެ ކޮޓަރި ތަޅުގައި ހިފައިފިއެވެ.
" އެއަށް ވުރެ މުހިއްމު އެހެން ކަންތައްތައް ވެސް ހުންނާނެ އެއްނު. " ޒިޔާދުއާ ދާދި ގާތް ވެލަމުން އަހަރެން ބުނީމެވެ.
" އެ ކަންކަން އަދި ވެދާނެއެއްނު. ދޭބަލަ ކީ ހިފައިގެން އަންނަން." ޒިޔާދު ބުނެލީ އަހަރެންގެ ދަތްދޮޅީގައި ހިފާލަމުންނެވެ.
ހާސްވެފައި ހުރެ އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ކަންތައް ވާނެ ގޮތް ނޭނގޭ ޙާލު އަހަރެން ގޮސް ޑްރެސިންޓޭބަލް ކައިރީ ހުއްޓުމާއެކު ޒިޔާދު އައިސް ފަހަތުން ވަނެވެ.
" ކޮބާތަ؟" ހިތްހަމަ ނުޖެހޭ ގޮތަކަށް ޒިޔާދު ބުންޏެވެ.
" ނުފެނިގެން މި އުޅެނީ. " އަހަރެން ބުނީމެވެ.
" ނުފެނިގެންނޭ؟ ތައިބާ ހަމަ އެހާ ފަރުވާކުޑަތަ؟ ދޮރު ހަލާކުކޮއްގެން ވެސް މިރޭ އެ ކޮތަޅު ނަގަން ޖެހޭނެ." ޒިޔާދު ބުންޏެވެ.
އޭނާގެ އެ ޖުމްލައިން އަހަރެން ދިޔައީ ސިހިގެންނެވެ.
" ފެނިއްޖެ." ޒިޔާދާ ދިމާލަށް އެނބުރިލަމުން އަހަރެން ތަޅުދަނޑި ދިއްކޮއްލީމެވެ. އެއާއެކު އޭނާ ތަޅުދަނޑި ޖަހައިގަނެގެން ނިކުމެއްޖެއެވެ. އަހަރެން އޭނާގެ ފަހަތުން ނިކުތީ ދުވެފައި ކަހަލަ ގޮތަކަށެވެ.
ޒިޔާދު ގޮސް ކޮޓަރިއަށް ވަނުމާއެކު ކޮޓަރި ދޮރުމަތީގައި އަހަރެން ހުއްޓުނީ ނުހަނު ބިރުން ހުރެއެވެ. އަލަމާރިން އެ ކޮތަޅު ނަގައިގެން އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ.
" އަހަރެން މި އަންނަނީ މި ހަވާލު ކޮއްލާފައި." ޒިޔާދު އެހެން ބުނީ އަހަންނާ އަރާ ހަމަވަމުންނެވެ.
ޒިޔާދު ބޭރަށް ދާ ވަގުތު އަވަހަށް ހުސެން ފޮނުވާލާނަމޭ އަހަރެންގެ ހިތަށް އެރިއެވެ. އަދި ހަނި ގޮތަކަށް ވެސް އެ ފުރުސަތު ލިބުނީތީ އަހަރެން ނުހަނު އުފާވެސް ވިއެވެ.
ޒިޔާދު ކޮޓަރިން ނުނިކުމެ އުޅެނިކޮށް، ކުއްލިއަކަށް ފާހާނާ ތެރެއިން ބާރު އަޑެއް އިވިގެން ދިޔައެވެ. ހީވާ ގޮތުން ކޮންމެވެސް އެއްޗެއް ވެއްޓުނީއެވެ. އަހަރެންގެ ހުރިހާ ހިއްސެއް އެ ފަރާތަށް ދަމައިގަތް އިރު، ނޭވާ ލާން ވެސް އުނދަގޫވީ ކަހަލައެވެ. ދެ ލޯ ބޮޑުވެ ޒިޔާދަށް ބަލައިލެވުނު އިރު ޒިޔާދު ހުރީ ފާހާނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
" ފާހާނާއިން ކޮން އަޑެއް އެ އިވުނީ؟" ޒިޔާދު ސުވާލު ކުރީ އަހަންނަށް ބަލައިލަމުންނެވެ.
" މި...މިއަދު އެތަން ސާފުކުރަން ވަދެފައި ހުންނާނެ އެއްޗެހިތައް ބަހައްޓާފައި. އެއްޗެއް ވެއްޓުނީ ކަންނޭނގެ" ތުރުތުރުއަޅާ ވަރުން އަހަންނަށް ވާހަކަ ދެއްކުނީ ވެސް ކިރިޔާއެވެ.
" އެބަ އަންނަން ބަލައިލާފަ." ޒިޔާދު އެހެން ބުނީ ފާހާނާއާ ދިމާލަށް ހިނގައިގަންނަމުންނެވެ.
އަހަންނަށް ދެ އަތުން އަނގަމަތީގައި އަތް އެޅުނެވެ. ބިރުން ގޮސް މީހާއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ހެދޭނެ އިތުރު ގޮތެއް ނެތްކަން އެނގުނެވެ. ދިޔަ ބާރު މިނުގައި ގޮސް ޒިޔާދު ފާހާނާގެ ތަޅުގައި ހިފިއެވެ.
" ތަޅުލައިފަތަ މި ތަން؟" އަހަންނަށް ބަލައިލަމުން ޒިޔާދު އެހިއެވެ.
" ކޮބާ މިތާ ތަޅުދަނޑި؟" ޒިޔާދު އެހިއެވެ.
" ނޭނގެ. ތި...ތިތާ ކީ އެއް ނުދެ." އަހަރެން ބުނީމެވެ.
އެ ވަގުތު އޭނާ ވޮލެޓުން ކޭޝް ކާޑު ނެގިއެވެ. އަދި އަވަސް އަވަހަށް ދޮރުގެ ތަޅާ ދިމާލަށް ކާޑު ލައްވާލުމަށްފަހު ތިރިއަށް ދަމާލިއެވެ. އެއީ އެޕޯލޯ ތަޅެއް ކަމުން އިސާހިތަކު ތަޅު ހުޅުވިއްޖެއެވެ.
ދޮރު ހުޅުވާލުމަށްފަހު ހައިރާންކަމާއެކު ޒިޔާދު އަހަންނަށް ބަލައިލިއެވެ.
" މިއީ؟ ކާކު؟ ކާކު މީ؟" ޒިޔާދު އެހެން ބުނި އިރު އަހަންނަށް ރޮވެން ފެށުނެވެ.
ހުސެން ފާހާނާއިން ނިކުތް އިރު ވެސް ހުރީ ވަރަށް ބޮޑަށް އަހަރެން ދެކެ ރުޅި ގަދަވެފައެވެ. ޒިޔާދު ހުރީ އެއަށް ވުރެ މާ ރުޅި އައިސްފައެވެ. ދެ މީހުންނަށް އަހަންނަށް ބަލަމުން ދިޔައީ ރުޅިވެރި ލޮލަކުންނެވެ.
" ކޮންކަމެއް މީ؟" ޒިޔާދު ބުންޏެވެ.
އަހަންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް، އިވުނީ ކުއްލިއަކަށް ދޮރުގައި ވަރަށް ބާރަށް ތަޅަން ފެށި އަޑެވެ. އެއާއެކު ޒިޔާދު ބާރުބާރަށް ގޮސް އޭނާގެ އަތުގައި އޮތް ކޮތަޅު އަލަމާރިއަށް ލައިފިއެވެ. އޭރު ޒިޔާދުގެ އަނެއް އަތުގައި އޮތް ފޯނު ވެސް ބާރަށް ރިންގު ވަމުން ދެއެވެ.
" ހަލޯ! ވަޓް؟ ވަޓް ދަ.... " ޒިޔާދު ބުނެލިއެވެ.
ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އޭނާގެ އަޑާއި މޫނުމަތިން ވެސް އެނގެއެވެ ބިރުން ހުރެ އަހަރެން ހުސެންއަށް ބަލައިލާ ކޮންމެ ފަހަރަކު އޭނާ އަހަންނަށް ބަލައިލަނީ ވައްލޮލުންނެވެ
" މި ގެއަށް އެ އައީ ޕޮލިސް." ޒިޔާދު ބުންޏެވެ.
އެއާއެކު އަހަންނާ ހުސެންއަށް ދެ މީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ.
" ކަލޭ ބުނާތި ތިއީ މި ގޭގައި ކުއްޔަށް އުޅޭ މީހެކޭ. އިތުރު އެއްޗެއް ބުނާނެ ކަމެއް ނެތް." ޒިޔާދު އެހެން ބުނުމަށްފަހު ބާރުބާރަށް ސިޓިންރޫމަށް ނިކުމެއްޖެއެވެ.
" ތައިބާ އަހަންނަށް ތިވަރުގެ ލަނޑެއް ދޭނެކަމަކަށް ހިއެއް ވެސް ނުކުރަން. ކީއްކުރަން އަހަރެން މިރޭ ތި ގެނައީ؟ އަހަންނަށް މި ލަނޑު ދޭން ވެގެންތަ؟ އަހަރެން ތައިބާއާ ދޫކޮށް، އަހަރެންގެ ވައިފްއާ ދަރިންނޭ ބޭނުމީ ބުނީމަ އެކަމުގެ ބަދަލުތަ ތި ހިފީ؟ އަހަރެން ފަޟީޙަތްކޮއްލާ، ބޭޒާރުކޮއްލަންތަ ބޭނުންވީ؟ އަހަރެން ކަލެއަށް ނަފްރަތު ކުރަން. ތިއީ ދުވަހަކު ވެސް މީހަކު ލޯބިވާން ހެޔޮ ވެސް ވާ ވަރުގެ އަންހެނެއް ނޫން." އަހަންނަށް އެއްޗެއް ބުނެލާނެ ފުރުޞަތެއް ވެސް ނުދީ ހުސެން ވާހާކަ ދެއްކީ ނުހަނު އަވަސް އަވަހަށެވެ.
ވަގުތަކީ ޒިޔާދުގެ ފަހަތުން ޕޮލިހުން އެ ތަނަށް ވަތް ވަގުތެވެ.
" މިހާރު މިއީ ކޮން ބައެއްތޯ؟" ފުލުހަކު ސުވާލު ކުރީ ހުސެންއާއެވެ.
އެއާއެކު ޒިޔާދު ހުސެންއަށް ނިތް ހިއްލާލިއެވެ.
" މި ވަގުތު މި ކޮޓަރި ރެންޓަށް ނަގައިގެން އަޅުގަނޑު މި އުޅެނީ. " މަޖުބޫރުވެ ހުރެ ހުސެން ބުންޏެވެ.
" އަޅުގަނޑަކީ ޒިޔާދުގެ ވައިފް." އަހަރެން ބުނީމެވެ.
" ކޯޓު އަމުރެއްގެ ދަށުން މި ގެ ބަލާ ފާސްކުރަން ފުލުހުން އެ އައީ. އެހެންވީމަ ތިޔަ ފަރާތުން ވެސް މި ކޮޓަރި ބަލަން އެއްބާރުލުން ދީ." ދެ ޖީބަށް އަތް ޖަހާލަމުން ޒިޔާދު ބުންޏެވެ.
އެއްވެސް އެއްޗެއް ބުނުމެއްނެތި ހުސެން ފާރުގައި ލެނގިިލިއެވެ. އޭރު ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން އަހަންނަށް އެނގުނެވެ.
" އަހަރެން ރަށުގައި ނެތިސް ހާދަ ގަނޑެއް ގަނެފިއޭ ދޯ." އަހަރެންގެ ކަންފަތް ބުޑުގައި ޒިޔާދު ބުނެލީ ސިއްރުންނެވެ. އެއާއެކު ރުޅިވެރި ލޮލަކުން އޭނާއަށް ބަލައިލުމަށްފަހު އަހަރެން ދުރަށް ޖެހިލީމެވެ.
" ތިން ބޭފުޅުން ވެސް ކޮޓަރިން ބޭރަށް ނިކުމެވަޑައިގަންނަވާ." ފުލުހަކު އައިސް އިރުޝާދު ދިނުމާއެކު އަހަރެމެން ނިކުތީމެވެ. ޖެހިލުންވެފައި ހުރި ވަރުން އަހަންނަށް ހުރެވުނީ އިސްވެސް އުފުލައިލަން ނުކެރިފައެވެ.
" އަދި ޔަގީންކޮއްލަން ވެގެން ކޮބައިތޯ މި ކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ ބޭފުޅާ؟" އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ހުސެން ބޯ ޖަހާލިއެވެ.
" މި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ." އެ ޖުމްލައާއެކު ހުސެން ސިހިފައި ބަލައިލީ އަހަންނަށެވެ. އެއާއެކު އަހަންނަށް ވެސް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" މަސްތުވާތަކެއްޗޭ؟ އެ ކޮޓަރިން؟ އަޅުގަނޑަށް އޭރު ވެސް ކުރިން ވެސް ހީވި މީ އެކަހަލަ މީހެކޭ. " ޒިޔާދު އަވަސް އަވަހަށް ބުންޏެވެ.
" އަޅުގަނޑުގެ އެއްޗެއް ނުހުންނާނެ. އަޅުގަނޑަކީ މިތާ އުޅޭ މީހެއް ނޫނޭ. " ހުސެން އެހެން ބުނި އިރު ދެ ފުލުހަކު އައިސް އޭނާގެ ދެ އަތް ފުރަގަހަށް ލައި، ބިޑި ވެސް އަޅުވައިފިއެވެ.
" ދޮގު މައްޗަށް ދޮގުތަ ހަދަނީ؟" ޒިޔާދު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
" ދެ މީހުން ވެގެން އަހަރެން ޔޫޒް ކުރީތަ؟ ތި ދެ މީހުން ރާވައިގެން ކުރި ކަމެއް މީ. ދުވަހަކު ވެސް އަހަރެން ކަލެއަކަށް މަޢާފެއް ނުކުރާނަން." ފުލުހުންނާއެކު ދަމުން ހުސެން އަހަރެންގެ ކުރިމަތީގައި ހުއްޓުމަށްފަހު ބުންޏެވެ.
އެ ޖުމްލައިން އަހަރެންގެ ހިތުގެ ނާރުތައް ބުރިބުރިވެ، ވީރާނާވީ ފަދައެވެ.
ރޮމުން ރޮމުން ދެ ފަރާތަށް ބޯ ހޫރުން ފިޔަވައި އިތުރުކަމެއް އަހަންނަކަށް ނުކުރެވުނެވެ. އަހަރެންގެ ލޯ މަތިން ހުސެން ގެއްލުނު އިރު ވެސް ރުއިން ނޫން ކަމެއް އަހަންނަކަށް ނުކުރެވުނެވެ. ފުލުހުންނާއެކު ހުސެން ދިޔުމާއެކު ޒިޔާދު ގޭގެ ދޮރު ލައްޕައި ތަޅުލީ ނުހަނު ބާރަށެވެ. އޭރު އަހަރެން ހުރީ އިންތިހާއަށް ބިރުގެންފައެވެ. އަހަންނާ ދިމާލަށް ޒިޔާދު އެނބުރިލީ ރުޅިވެރި ލޮލަކުން ބަލަހައްޓައިގެން ހުރެއެވެ.
ބާރުބާރަށް އައިސް އޭނާ އަހަރެންގެ އިސްތަށިގަނޑުގައި ހިފާ، ގެންގޮސް ފާރަށް ތަތްކޮއްލީ އެއްވެސް ރަހުމެއް ނެތިއެވެ.
" ފިރިމީހާ ރަށުން ބޭރުގައި މަސައްކަތްކުރަން ގޮސް އުޅޭ އިރު މީނަ މި އުޅެނީ ހިލޭ ފިރިހެނުން ގޮވައިގެން މަގޭ އަމިއްލަ ގޭގައި." ޒިޔާދު ބުންޏެވެ.
އެ އަނިޔާތަކަށް ތަދުވިޔަސް ވޭން އަޅަނީ ހަމައެކަނި ހިތުގައެވެ. ވިސްނުން ހުރީ ހަމައެކަނި ހުސެންއާއެކުއެވެ.
" ޒިޔާދު ބޭނުން ދަރަޖައަކަށް އަަހަރެންދެކެ ރުޅި އާދެވިދާނެ. އެކަމަކު ހުސެންގެ ބޮލުގައި އަޅުވާފައި އޭނަ ތި ފުލުހުންނާ ހަވާލު ކުރީ ކީއްވެ؟ އަހަރެންގެ އަތުން މަސްތުވާތަކެތި ގެނެސް މި ގެއަށް ވެއްދޭ އިރު އަހަންނަށް އެއީ ކޮންއެއްޗެއްކަން ވެސް ނޭނގެ. އެއީތަ ޒިޔާދު ތި ކުރާ މަސައްކަތަކީ؟ އެއީތަ ޒިޔާދުގެ ބޮސް ހަވާލުކުރާ ކަންތައްތައް؟" އަހަރެން ކިޔާލީ ބާރަށެވެ.
ޒިޔާދު ހުސެންއަށް އެހެން ހެދުމުން ހުސެން އަހަރެންދެކެ އިންތިހާއަށް ރުޅި އައިކަން އަހަންނަށް އެނގެއެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!