މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިއީ އެމް.ސީ.އެސް.ގެ އަމިއްލަ ބިމެއްގައި ޤާއިމުކުރެވުނު ފުރަތަމަ ހެޑްކުއަރޓަރސް އިމާރާތެވެ. ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ މި އައު އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ.
މި އައު އިމާރާތަކީ 2 ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެއެވެ.
އެމް.ސީ.އެސް ހެޑްކުއަރޓަރސްއަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތުގެ އެކި ބައިތައް ބައްލަވާލައްވާފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އުފެދުނު މުއައްސަސާއެކެވެ. އެ ސަރވިސްގެ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ޖަލު ނިޒާމު ހަރުދަނާކޮށް، ޤައިދީންނަށް ޖަލުގައި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމެވެ. އަދި އެމީހުންނަށް ތަފާތު ތަމްރީނާއި ހުނަރު ދަސްކޮށްދީ، ކުށްކުރުމުން ދުރުހެލިކޮށް، މުޖުތަމަޢަށް ބޭނުންތެރި ރަނގަޅު ފަރުދުންގެ ގޮތުގައި އެނބުރި އައުމަށް ބާރުއެޅުމަކީވެސް އެ ސަރވިސްގެ ޒިންމާއެކެވެ.
މީގެ އިތުރުން ޝަރީޢަތުން ކޮށްފައިވާ ޙުކުމްތައް ތަންފީޒުކުރުމުގެ އުސޫލުތަކާއި، ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި މީހުން ބަންދުގައި ބަހައްޓާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުމަކީވެސް އެ ސަރވިސްގެ މަސްއޫލިއްޔަތެކެވެ.
ކުށްކުރުން ނެތް އަމާން، އޮމާން، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަކީ ކަރެކްޝަނަލް ސަރވިސްގެ ތަސައްވުރެވެ. އަދި ޤައިދީން ޙުކުމް ތަންފީޒުކުރާ މުއްދަތުގައި ހެވާއި ނުބައި ދެނެގަތުމާއި، އެމީހުންނަށް ބޭނުންވާ ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމާއެކު، މުޖުތަމަޢަށް އެނބުރި ދާއިރު ކުށެއް ނުކުރުމަށް ޢަޒުމުކަނޑައަޅައިގެން ތިބޭ ބަޔަކަށް އެމީހުން ހެދުމަކީ އެ ސަރވިސްގެ މިޝަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!