މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކޮށް، ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއެވެ.

Ad
rt

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އައު ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަން، އަދި ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ކަންކަން ފަސޭހަކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ޚާއްޞަ ''އީ-ވިޒާ" ގެ ޚިދުމަތް ވެސް މި ރަސްމިއްޔާތުގައި ރަސްމީކޮށް ތަޢާރަފުކޮށްފައިވެއެވެ.

'މޯލްޑިވްސް 2.0' އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުކޮށް، ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމެވެ.

މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ނަތީޖާ ނެރުމަށް ހިންގާ މަސައްކަތެކެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމާލެވުމަކީ، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ބޮޑު ކުރިއެރުމެކެވެ. އަދި މި ޚިދުމަތްތަކާއެކު ޕާސްޕޯޓް ހެއްދުމަށާއި ވިސާހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ގެނެވިފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.