ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގައި ވަށަފަރާއި ހޯރަފުށީގެ ކުރިމަތިލުމުގައި ވަށަފަރު މޮޅުވެ ސެމީގެ އުންމީދު ބޮޑުކޮށްފިއެވެ.

ހޮނހިރު ދުވަހު ހަވީރު 16:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވަށަފަރު ވަނީ ހޯރަފުށީގެ މައްޗަށް 7-5 ލަނޑުން ކުރި ހޯދާފައެވެ.

Ad
rt

މި މެޗުގެ ފުރަތަމަ މިނިޓްގައި ހޯރަފުށީގެ ޖާޒީ ނަމްބަރު 11 އަލީ ޒިޔާދު ވަނީ ލަނޑެއް ޖަހައި ހޯރަފުއްޓަށް މެޗުގެ ލީޑު ނަގައިދީފައެވެ. ނަމަވެސް މި ލީޑް މާގިނައިރު އޮންނަ ގޮތެއް ނުވިއެވެ. ވަށަފަރުން ވަނީ މާގިނަ އިރެއްނުވެ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ވަށަފަރަށް މި ލަނޑު ޖަހައިދީ، ނަތީޖާ ހަމަކޮށްދިނީ އަހްމަދު ސިނާނެވެ.

ހޯރަފުށީގެ ހުސެން ރަޝީދު ލަނޑެެއްޖަހައި ދެވަނަ ފަހަރަށް ހޯރަފުއްޓަށް ލީޑުނަގައިދިން ނަމަވެސް މިފަހަރު ވެސް ވަށަފަރުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އެ ޓީމުގެ ޝަނޫން ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.

ދެން މެޗުގައި ލީޑުނެގީ ވަށަފަރުންނެވެ. ވަށަފަރުގެ ޢަބުދުﷲ ސިނާނުގެ ލަނޑަކުން ނެގި މި ލީޑާއެކު ފުރަތަމަ ހާފު ނިމުނީ 3-2 އިން ވަށަފަރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވަށަފަރުގެ އަހްމަދު ސިނާން ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑުޖަހައި ވަށަފަރަށް ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. އެއިގެ ފަހުން ހޯރަފުށީގެ ހުޝާމް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ވަނީ ކުޑަކޮށްފައެވެ.

4-3 ލަނޑުގެ ނަތީޖާއެއްގައި އޮއްވައި ވަށަފަރުން ފަސް ވަނަ ލަނޑެއް ޖެހިއެވެ. އެ ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 8 ހުސެން ހަމީދެވެ. އެއިގެ ފަހުން ހޯރަ ފުށީގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ޒިޔާދެވެ. އަދި ހޯރަފުށީގެ ފަސްވަނަ ލަނޑު ޖަހައިދިނީ ހުޝާމް އެވެ.

ވަށަފަރުގެ ހަ ވަނަ ލަނޑާއި ހަތް ވަނަ ލަނޑު ޢަބުދުﷲ ސިނާން ވަނީ ޖަހައިދީ މެޗުގައި ހެޓްރިކް ހަދާފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ޢަބުދުﷲ ސިނާނެވެ.