އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ވަނީ ކަންތައްތަކެއް ޑިމާންޑުކޮށްފަ އެވެ. އަދި އެ ކަންތައްތައް ނުފުއްދާ ނަމަ، މި މަހުގެ 17 ވަނަ ދުވަހު އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް، މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ވަނީ، އެ ނިންމުން ފަސްކުރި ކަމަށް އިއުލާންކޮށްފަ އެވެ.
ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވަނީ އެ އެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރަށްވާފައެވެ.
އިބުރޭ ވިދާޅުވީ، ސަރުކާރުން އާޓިފިޝަލް ބީޗު، ކާނިވާ، ރަސްފަންނު ފަދަ ހުރިހާ ތަނެއް ބްލޮކްކޮށްފައިވާ ކަމަށާއި، އާއްމުކޮށް ލިބޭ ސަލްޓަން ޕާކް ވެސް މަރާމާތެއް ކުރުމުގެ ނަމުގައި ސިޓީ ކައުންސިލުން ބަންދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވާނެކަން ޔަގީން ކުރެވޭތީ ބޭނުންވަނީ ހާމަކަން ބޮޑު ތަނެކެވެ.
އެމްޑީޕީން ވަނީ 3 އޮކްޓޯބަރ 2025 މާލޭގައި މުޒާހަރާއެއް ބާއްވާފައެވެ، މި މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކުރިއެވެ. އެއިގެ ތެރެއިން އެކަކު ފިޔަވާ އެންމެން 15 ދުވަހަށް ބަންދުކުރިއެވެ.
އެމްޑީޕީން އަލުން މުޒާހަރާ ބޭއްވުމަށް ނިންމި ނޮވެންބަރު 17 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ފުރޭ ދުވަސް ކަން ފާހަގަކުރެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!