ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އެ ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރ އަޙްމަދު ޢަބްދުالله (ރޯޒޭ) އިންތިހާބުކޮށްފިއެވެ.
އެ މަގާމަށް ރޯޒޭ އިންތިހާބުކޮށްފައިވަނީ އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މިއަދު ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 230 ވަނަ އާންމު ބައްދަލުވުމުގައެވެ.
މިގޮތުން ކައުންސިލަރުންގެ މެދުގައި އައު ޑެޕިއުޓީ މޭޔަރ އެއް އައްޔަނުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލައިފައިވަނީ ރޯޒޭ އެކަންޏެވެ. އަދި ރޯޒޭ ހިމެނޭހެން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މޭޔަރ މުޙައްމަދު ޢާޠިފް، ކައުންސިލް މެންބަރ، ރިޟްވާން މުޙައްމަދު، ޢާޠިފާ ޢަލީ އަދި އިބްރާހިމް އަޙްމަދުގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ.
އެ ވޯޓުގައި، ރޯޒޭ ޑެޕިއުޓީ މޭޔަރ ގެ މަގާމަށް އިންތިހާބުކުރުމަށް ފެންނަކަމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ވަނީ ވޯޓު ދެއްވާފައެވެ.
ކުޅުދުއްފުށި ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު، ޑެޕިއުޓީ މޭޔަރ ކަމުގެ މަގާމުން އިސްތިއުފާދެއްވާފައިވަނީ އިނގިރޭސި ސަރުކާރުން ދެއްވި ޝީވްނިންގ ސްކޮލަރޝިޕް ލިބުމާއި ގުޅިގެން، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި "އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް" އިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށްޓަކައި، މިދިޔަ އޮކްޓޯބަރ މަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!