ކުޅުދުއްފުށި ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

Ad
rt

މިގޮތުން މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. އަދި ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

ކުޅުދުއްފުށި ސިޓީ ހިމެނޭހެން ސިޓީތަކާއި ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ފަށަނީ

ކުޅުދުއްފުށީގައި ބިނާކުރާ ވަޤްފު އިމާރާތުގައި އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެއް ތަރައްޤީކުރާނެއެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތަރައްޤީކުރާ މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ.

ސަރުކާރުން ޖުމްލަ 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމާއެކު ކުޅުދުއްފުށި ސިޓީއާއި ހދ. އަތޮޅުގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއްވާފައިވެއެވެ.

ކުޅުދުއްފުށި ސިޓީގެ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ: ޝަހީމް

މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.

މިގޮތުން މި އިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތަކާއި ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލުގެ ތަކުންނެވެ.

އަތޮޅުތަކުގައި ޤާއިމް ކުރެވޭ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ.