އެމަނިކުފާނު ރަށެއްގައި ހިންގުމަށް ވަޢުދުވެވަޑައިގެންފާ މަޝްރޫޢުއެއް އެހެންތަނަކަށް ބަދަލު ނުކުރަށްވާނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އައްޑޫ ބްރިޖު މަޝްރޫޢުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އައްޑޫގެ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
d

އައްޑޫ ބްރިޖަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މި މަޝްރޫޢުގެ ފުރިހަމަ ޑިޒައިނެއް ހެދުމަށް އިންޓަރނޭޝަނަލް ބިޑިންގއަށް ހުޅުވާލައިގެން ޗައިނާގެ ކުންފުންޏަކާ ޙަވާލުކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ޙަވާލުކުރެވުނު ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް މިފަދަ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރާ އެއް ކުންފުންޏެވެ. މި އެއްބަސްވުމުގެ އަގަކީ އެއް މިލިއަން ޑޮލަރު ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މި މަސައްކަތް ޙަވާލުކުރެވިފައިވަނީ ހަމަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ފަންނީ މަޢުލޫމާތާ އެކު ތިން އޮޕްޝަނަށް ޑިޒައިން ހަދައި ސަރުކާރަށް ހުށައެޅުމަށް ކަމަށެވެ. މިދިޔަ މަހު މި މަސައްކަތް ފެށިފައިވާއިރު، އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހާއި ހިސާބަށްދާއިރު މި ލިޔުންތައް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ފީޒިބިލިޓީތައް ހިމެނޭނެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިޚުތިޔާރުކޮށް، އެގްރީމަންޓް ހަދައި، ''އިރާދަކުރެއްވިއްވާ'' މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒު ކަމަށެވެ. އަދި ވެވަޑައިގެންނެވި ވަޢުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ އައްޑޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

Ad
df

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރު ޢަމަލީގޮތުން ފަށާފައިވާ ޒަމާނީ ތަރައްޤީގެ އެހެން މުހިންމު މަޝްރޫޢުތަކަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.