4 ވަނަ ދެކުނު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު 2025 ގައި ވާދަކޮށްގެން ލޯ މެޑަލް ހޯދި ރާއްޖޭގެ ޤައުމީ އަންހެން ރިލޭ ޓީމުގައި ހިމެނުން ކުޅުދުއްފުށީ ދުވުންތެރިޔާ، އަހުނާ ނިޒާރު އަށް އެ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިންޑިއާގެ ރަންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި މިމަހު ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭ އަންހެން ރިލޭ ޓީމު ލޯ މެޑަލް ހާސިލްކޮށްފައިވަނީ 4 ގުނަ 100 މީޓަރު ރިލޭ 47.79 ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެންނެވެ.
މިގޮތުން އެ ޓީމުގައި އުތުރުގެ ހިތް ކަމަށްވާ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ދުވުންތެރިއެއް ކަމަށްވާ އަހުނާ ނިޒާރުގެ އިތުރުން ޓީމުގައި ހިމެނޭ ދުވުންތެރިންނަކީ، އައިޝަތު ޝަބާ ސަލީމް، ހައްވާ މުޒްނާ ފާއިޒު އަދި ޒިވާ މޫސާ ޝަފީއު އެވެ.
ޤައުމީ ފެންވަރުގައި ގިނަ ގުނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ އަހުނާ އަށް އިއްޔެ ކުޅުދުއްފުށި ސިޓީ ކައުންސިލުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ސިޓީ ކައުންސިލުން ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެތުލީޓު އަހުނާ ނިޒާރު، 4 ވަނަ ސައުތު އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި ރިލޭ ޓީމުގައި ހިމެނުމަކީ ކުޅުދުއްފުށި ސިޓީގެ އެންމެހާ ރައްޔިތުން ފަޚުރުވެރިވާ ކަމެއްކަމަށެވެ.
''ހާއްސަކޮށް، ރާއްޖެ ތަމްސީލުކުރި އަންހެން ރިލޭ ޓީމަށް ލޯ މެޑަލް ހޯދައިދިނުމުގައި ކުޅުދުއްފުށީގެ އެތުލީޓެއް މުހިއްމު ދައުރެއް އަދާކުރުމަކީ ކުޅުދުއްފުށި ސިޓީ، އަދި މުޅި ދިވެހިރާއްޖެ ފަހުރުވެރިވާ ކާމިޔާބީއެއް.'' އަހުނާގެ ކާމިޔާބީއާއި ގުޅިގެން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
މުބާރާތައް ފަހު އަހުނާ ކުޅުދުއްފުއްޓަށް އައުމުން، ސިޓީ ކައުންސިލުގެ މެންބަރު އާތިފާ އަލީ އާއި، ރިޟްވާން މުޙައްމަދު އަދި އިބްރާހިމް އަޙްމަދުުގެ އިތުރުން ކައުންސިލް އޮފިސަރުން ވަނީ އެއާޕޯޓުން އަހުނާއަށް މަރުހަބާ ދަންނަވައި، ހިތްވަރު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!