ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ "ތިލައުތުރު އެވޯޑް 2025"ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިގެން އެންމެ ހިންގުތެރި ކައުންސިލްގެ އެވޯޑު ހއ. މޮޅަދޫ ކައުންސިލް ހޯދައިފިއެވެ.

މި އެވޯޑު ދިނުމުގެ ހަފުލާ އޮތީ ރޭ ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ.

Ad
rt

"ތިލައުތުރު އެވޯޑް 2025"ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް ދިޔައީ އިހަވަންދޫ ކައުންސިލެވެ.

މި އެވޯޑްތައް އެކައުންސިލްތަކާއި ހަވާލުކޮށްދެއްވީ މި ހަފުލާގެ ޝަރަފްވެރި މެހްމާން، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމެވެ. ކައުންސިލްތަކުގެ ފަރާތުން އިނާމާއި ހަވާލުވެލެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ.

މި އަހަރުގެ އެވޯޑުތައް ހަ ދާއިރާއަކުން ދީފައިވެއެވެ.

ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްޢިއްޔާތަކުގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.