ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޅ. އަތޮޅާއި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހަތް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުބެއްލެވުމަށް ރައީސް ކުރަށްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލުގެ ގޮތުގައި ވަޑައިގަތީ ޅ. އޮޅުވެލިފުއްޓަށެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ޅ. އަތޮޅުން (ފާދިއްޕޮޅުން) ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި ކ. އަތޮޅުން (މާލެ އަތޮޅުން) އެމަނިކުފާނު ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
މި ދަތުރުފުޅުގައި ވެސް ކުރީގެ ދަތުރުފުޅުތަކެކޭ އެއްފަދައިން، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ފާއިތުވި ހަފުތާތަކުގައި ރައީސް ވަނީ ކޮންމެ ހަފުތާއަކު އަތޮޅު ތެރެއަށް ދަތުރުފުޅު ކުރަށްވާފައެވެ. މިގޮތުން މި ދިޔަ ހަފުތާގައި ލ.އަތޮޅަށް ވަޑައިގެންނެވިއިރު، ކުރީ ހަފުތާގައި އދ.އަތޮޅަށް،އ ޭގެ ކުރީ ހަފުތާގައި ށ.އަތޮޅަށް އަދި އޭގެ ކުރީ ހަފުތާގައި ވ. އަތޮޅާއި، މ. އަތޮޅާއި އަދި ތ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ވެސް ވަނީ ވަޑައިގެންފައެވެ. އެއިގެ ކުރީ ވަޑައިގަތީ ހދ.އަތޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!