ހދ. ހަނިމާދޫގައި އެރަށު ކައުންސިލުން ބަނބުކެޔޮގަސް އިންދައިފިއެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެފައިވާގޮތުގައި މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެގޮތުން އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ފިރާގް ވިދާޅުވިގޮތުގައި މި ބުރުގައި ވަނީ 50 ބަނބުކެޔޮގަސް އިންދާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަސް މިލއަން ގަހުގެ ވަޢުދު ފުއްދައިދިނުމަށްޓަކައި ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް ފިރާގް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްފައި ވަނީ 5 ޖޫން 2024 ގައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ފުރަތަމަ ގަސް އިންދެވީ ރައީސް މުޢިއްޒެވެ. އެދުވަހު އެމަނިކުފާނު އިންދަވައި ދެއްވާފައި ވަނީ ކާބޮލި އަރޮޅި ގަހެކެވެ. މި ގަހަކީ 35 މީޓަރު ދިގުމިނަށް ހެދޭ، ދިވެހި ބޭސްފަރުވާއަށް ބޭނުންކޮށް އުޅޭ ގަހެކެވެ. މިއީ މިހާރު ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތެއްގެ ގަހެކެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގެ ދައުރުގެ 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައި މިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!