ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލްއެއް ޖޫދީ ޚާލިދު އަދި ރިހި މެޑެލްއެއް ހދ. ފިނޭއަށް އުފަން އަބްދުލް ރަޝީދު ހޯދައިފިއެވެ.
ޖަރުމަނުގެ ސްޓުޓްގާޓްގައި މިހާރު ކުރިއަށްދާ 25 ވަނަ "އިކާ ކަލިނަރީ އޮލިމްޕިކްސް" ގައި މި އަހަރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެންބަރުން ބައިވެރިވީ ވެޑިންގް ކޭކު ކެޓަގަރީގައެވެ.
އެމުބާރާތަކީ ކެއްކުމުގެ އެކި މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދާ ޝެފުންނަށް އެކަނި ވާދަކުރެވޭ، ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި ސިފަކުރާ މުބާރާތެވެ.
އެމުބާރާތުގައި ކޭކު އެޅުމުގެ ތަޖުރިބާކާރު ދެ ޝެފުން ކަމުގައިވާ ޖޫދީ ޚާލިދު އަދި އަބްދުލް ރަޝީދު ބައިވެރިވީ އަމިއްލަ ގޮތުންނެވެ. މުބާރާތުގައި ބައިވެރިވުމަށް ޖަރުމަނަށް ދަތުރުކުރީވެސް އަމިއްލަ ޚަރަދުގައެވެ.

ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ޖަރުމަނުގައި ބޭއްވޭ މިހާއްސަ ކެއްކުމުގެ ބޮޑު ހަރަކާތުގައި ރާއްޖޭގެ ތާރީހުގައި ދިވެއްސަކު ބައިވެރިވެ ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ.
14 ފެބްރުއަރީ 2020 އިން 19 ފެބްރުއަރީ 2020 ގެނިޔަލަށް ޖަރުމަނުގެ ސްޓަޓްގަރޓްގައި ކުރިއަށްދާ މިހާއްސަ އިވެންޓަކީ 30 ވަނަ އިންޓަރގެސްޓްރާ އިންޓަރނޭޝަނަލް ޓްރޭޑްޝޯވެސް ހިމެނޭގޮތަށް އެއްލައްކަ ފަނަރަހާސް އަކަފޫޓް ބޮޑު ސަރަހައްދެއްގައި ބާއްވާ އިވެންޓެކެވެ. މިއިިވެންޓުގައި 1400 އެގްޒިބިޓަރސް، 2000 ޝެފުން އަދި 70 ވަރަކަށް ޤައުމުން ގާތްގަނޑަކަށް 100،000 މީހުން ބައިވެރިވެއެވެ.
Congratulations!
First time competing in @IKAolympics and two medals for Maldives. A Gold for Joodhy and a Silver for Rasheed.
You made us proud! @cgmmaldives @WACSworldchefs @MoTmv @visitmaldives @Mihaarunews @sunbrk @psmnewsmv #IKA2020 #CulinaryOlympics pic.twitter.com/EijbmpJReV— Marie (@MarieNoordeen) February 18, 2020
މި ހަރަކާތަކީ 1896 ވަނައަހަރު ޖަރުމަނުގެ ކެއުން ދުނިޔެއަށް ޕްރޮމޯޓްކޮށް އެހެންގައުމުތަކުގެ ސަޤާފީ ކެެއުންތަކުގެ ރަހަތައް އަޖުމަ ބެލުމުގެ މަޤްސަދުގައި ޝެފުންގެ ގުރޫޕަކުން ބާއްވަންފެށި އިވެންޓެކެވެ.
އެންމެފުރަތަމަ މިއިވެންޓް ބޭއްވުނީ 1900 ވަނަ އަހަރު 4 ޤައުމެއްގެ ބައިވެރިވުމާއެކު ފްރޭންކްފަރޓްގައެވެ. އެއަށްފަހު ޤަވާއިދުން ބާއްވާ މިއިވެންޓުގައި ޤައުމީ ކެއުންތަކާއި، ހުނަރާއި، ޓުއަރިޒަމް ޕްރޮމޯޓްކުރުމަަަށް އަހަރަކަށް ވުރެއް އަހަރެއް ބައިވެރިވާ ޝެފުން، އެގްޒިބިނަރސް އަދި މިތަން ބަލަން ޒިޔާރަތްކުރާ މީހުން ދިޔައީ އިތުރުވަމުންނެވެ.
ޝެފް ގިލްޑްސް މޯލްޑިވްސްގެ ފަރާތުން އަންނަނީ 2024 ވަނައަހަރު ނެޝަނަލް ޓީމެއް ކަލްނަރީ އޮލިމްޕިކްސްގައި ބައިވެރިކުރުމަށް އުންމީދުކުރަމުންނެވެ. މިއީރާއްޖޭގެ ޝެފުންނަށްލިބޭ ފަހި ފުރުޞަތަކަށް ވެގެންދާނެއެވެ.
މި މުބާރާތުން ރިހި މެޑެލް ހޯދި ހދ. ފިނޭއަށް އުފަން ރަޝީދަކީ ބައިނަލް އަޤުވާމީ ކެއްކުމުގެ މުބާރާތްތަކާއި، ކޭކު އެޅުމުގެ މުބާރާތްތަކުން ރަންމެޑަލް ހޯދާފައިވާ ފަރާތެކެވެ. އަދި ރަޝީދަށްވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން ކޭކު އެޅުމާއި ކޭކު ޑެކަރޭޝަންގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިލައްވާފައެވެ. ރަޝީދަށް އެއިނާމު ލިބިލެއްވީ 2009 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!