ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.

Ad
d

ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، ސާފު ރީތި މޫދާއި، ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ މި އެވޯޑާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އެވެ.

"ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިންގ ވަރލްޑް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހައި ފަރާތްތައް އެއްތަނަކަށް ޖަމާވެ، ސިނާޢަތުގެ މުސްތަޤްބަލު ބައްޓަންކުރުމަށް މަޝްވަރާކުރާ މުހިންމު ބައްދަލުވުމެކެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަކޮށްގެން މިއަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބުމަކީ، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ދިވެހިރާއްޖެއަކީ ކަނޑުފަޅުގެ މާޙައުލުގެ ޤުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަޤްބޫލު އެއް މަންޒިލުގެ ގޮތުގައި ފާހަގަކުރެވެއެވެ. މި އެވޯޑު ލިބުމުން އިތުރަށް ހާމަވެގެން ދިޔައީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ފެންވަރާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަމެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ އެވޯޑުތަކެއް ހޯދާފައިވާ، އަދި އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ޝުހުރަތު ލިބިފައިވާ ޤައުމެކެވެ. ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ އަދި މުސްތަޤުބަލުގައިވެސް ހޯދަމުންދާނެ ބައެއް އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއު.ޓީ.އޭ) އަކީ ދުނިޔޭގެ ދަތުރުފަތުރުގެ ޞިނާޢަތުގައި އެންމެ މަތީ ފެންވަރުގެ މިންގަނޑެއްގެ ގޮތުގައި ބަލައިގަނެވޭ އެވޯޑެކެވެ. މި އެވޯޑްސްއިން ދިވެހިރާއްޖެއަށް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާޞިލުކުރެވިފައެވެ. ދިވެހިރާއްޖެއަށް ވަނީ ދުނިޔޭގެ އެންމެ މޮޅު މަންޒިލުގެ ޝަރަފުވެރި ލަޤަބު ވިދިވިދިގެން ގިނަ އަހަރުތަކެއްގައި ހޯދާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެއިން ވަނީ އެންމެ މޮޅު ގޮނޑުދޮށުގެ މަންޒިލުގެ އެވޯޑު ފަދަ ޚާއްޞަ އެވޯޑުތައްވެސް ހޯދާފައެވެ.

ރާއްޖެއަށް ދުނިޔޭގެ އެންމެ މޮޅު ތިމާވެށްޓާ ރައްޓެހި މަންޒިލުގެ އެވޯޑާއި، ތިމާވެށި ޙިމާޔަތްކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އެވޯޑުތައް ލިބިފައިވެއެވެ. އަދި އިންޑިއަން އޯޝަންގެ އެގެ އެންމެ މޮޅު މަންޒިލުގެ އެވޯޑު ހޯދައި، ދިވެހިރާއްޖެއިން ވަނީ މި ސަރަޙައްދީ ކެޓަގަރީ ގިނަ ފަހަރު މަތިން ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުންވެސް، ދިވެހިރާއްޖެއާއި ރާއްޖޭގެ ރިސޯޓުތަކުން އެކި ކެޓަގަރީތަކުން ގިނަ އެވޯޑުތަކެއް ޙާޞިލުކޮށްފައިވެއެވެ. މީގެ ތެރޭގައި އިންޑިއަން އޯޝަންގެ އެންމެ މޮޅު ތިމާވެށްޓާ ރައްޓެހި މަންޒިލް، އެންމެ މޮޅު ވޯޓަރ ވިލާ ރިސޯޓް، އަދި އެންމެ މޮޅު ލަގްޒަރީ ހަނީމޫން ރިސޯޓްގެ އެވޯޑުތައް ހިމެނެއެވެ.

Ad
df