ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރެއްގެ ގޮތުގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ރައީސާ ސަނާއެ ތަކައިޗީ އިންތިޚާބުވެއްޖެއެވެ.

މިއީ ޖަޕާނުގެ ޤާނޫނުއަސާސީގެ ތާރީޚުގައި މި މަޤާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއަށް ވާއިރު، އެ ޤައުމުގެ ސިޔާސީ މައިދާނަށް މިވަނީ ތާރީޚީ އާ ބާބެއް ފެށިފައެވެ.

Ad
rt

އޮކްޓޯބަރު 21 ވަނަ ދުވަހުގެ މެންދުރުފަހު، ޖަޕާނުގެ ޑައިޓްގެ މަޖިލީހުގެ ދަށު ގޭގައި ޤައުމުގެ ދެން އަންނާނެ އެންމެ މަތީ ވެރިޔާ އިންތިޚާބުކުރުމަށް ބޭއްވުނު ޖަލްސާގައި، ސަނާއެ ތަކައިޗީ ޖަޕާނުގެ 104 ވަނަ ބޮޑުވަޒީރުކަމަށް ވަނީ ހޮވިފައެވެ. މަޖިލީހުހެ ދަށު ގެއިން ތަކައިޗީއަށް 237 ވޯޓު ލިބިފައިވާއިރު، މިއީ ފުރަތަމަ ވޯޓުގައި ބޭނުންވާ އަޣުލަބިއްޔަތު ކަމުގައިވާ 233 ވޯޓަށްވުރެ އިތުރު އަދަދެކެވެ. މި ކާމިޔާބީއާއެކު، މަޖިލީހުގެ ދަށުގޭގައި ދެވަނަ ބުރަކަށް ނުގޮސް ތަކައިޗީ ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

މަޖިލީހުގެ މަތީގޭގައި، ތަކައިޗީއަށް ފުރަތަމަ ބުރުގައި އަޣުލަބިއްޔަތު ހޯދުމަށް މަދުވީ އެންމެ ވޯޓެކެވެ. ތަކައިޗީއަށް 123 ވޯޓު ލިބުނުއިރު، މިއީ ކާމިޔާބުކުރުމަށް ބޭނުންވާ އަދަދަށްވުރެ އެއް ވޯޓު މަދު އަދަދެކެވެ. އެއާ ޚިލާފަށް، ދެވަނައަށް ދިޔަ ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޔޮޝިހިކޯ ނޯދާއަށް ލިބުނީ އެންމެ 44 ވޯޓެވެ. މި ސަބަބާހުރެ ދެވަނަ ބުރެއް ބޭއްވިއެވެ. ދެވަނަ ބުރުގައި ތަކައިޗީއަށް 125 ވޯޓު ލިބި، ނޯދާގެ 46 ވޯޓަށްވުރެ އިތުރުވެ، މަތީ މަޖިލީހުންވެސް ތަކައިޗީ ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. ދެވަނަ ބުރުގައި އިތުރު 47 ވޯޓު ތިންވަނަ ކެންޑިޑޭޓުންނަށް ލިބުނު ކަމުގައި ވިޔަސް، މި ވޯޓުތައް އެއްވެސް މީހެއްގެ 50% ހިއްސާއަކަށް ނުގުނެއެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ރައީސްކަމަށް އިންތިޚާބުވުމާއެކު، ތަކައިޗީ ވަގުތުން އެކަމަނާގެ ކެބިނެޓް އެކުލަވާލަން ވަނީ ފައްޓަވާފައެވެ. އަދި މެންދުރުފަހު، އިމްޕީރިއަލް ޕެލަސްގައި ބޭއްވޭ އިމްޕީރިއަލް އިންވެސްޓިޗަރ އަދި މިނިސްޓީރިއަލް އެޓެސްޓޭޝަން ރަސްމިއްޔާތުތަކަށްފަހު، ތަކައިޗީ އެކަމަނާގެ އައު މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. މިއާއެކު އެލްޑީޕީ އާއި ނިޕޮން އިޝިން ނޯ ކައި (އިޝިން) އާ ދެމެދު އައު ވެރިކަމުގެ އިއްތިހާދު ސަރުކާރެއް އުފެދޭނެއެވެ. ތަކައިޗީ ރޭ (އޮކްޓޯބަރު 21) ބޮޑުވަޒީރުގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެކަމަނާގެ ސިޔާސަތުތަކުގެ އެޖެންޑާ ކުރުގޮތަކަށް ހާމަކުރައްވަން ވަނީ ހަމަޖެހިފައިވެއެވެ.