ރާއްޖޭގެ ރިސޯޓެއްގައި ސްރީލަންކާގެ ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ލަންކާ މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ލަންކާގެ ޝެފަކަށް 2019 ވަނަ އަހަރު ހަމަލާދީ މަރާލީ އެއްލައިދޫ ރިސޯޓުގަ އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖުލައި މަހު ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި މަންޒަރު ފެނުނު ހެކިވެރިންގެ ހެކިބަސް ނެގިފައެއް ނުވެ އެވެ. އަދި ބަންދު މުއްދަތު މަޖިލީހުގައި ޖަޔަލަތު ކުށަށް އެއްބަސްވި ނަމަވެސް އެ ބަޔާން ނެގީ ވަކީލެއްގެ އެހީ ނުލިބި ކަމަށް ވާތީ އެ ބަޔާނަށް ރިއާޔަތްކޮށް، ކުށް ސާބިތު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ހޯދައި، އެ ހެކިބަސް ނެގުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ރާއްޖެއިން އެދުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!