ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިފައިވާކަން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނެފިއެވެ.
މިކަން ޢިއުލާންކުރަށްވަމުން އެފްއޭއެމްގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި މި ތާރީޚީ ދަތުރަކީ ދިވެހި ފުޓްބޯޅައަށް ވަރަށް މުހިންމު ދުވަހެކެވެ. އަދި މިއީ މުޅި ގައުމުގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް އާ އަޒުމަކާއެކު މަސައްކަތްކުރުމުގެ ނިޝާނެއް ކަމުގައި ޓޮމް ފާހަގަކުރެއްވިއެވެ.
ޓޮމް ވިދާޅުވިގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 24 ވާ ހުކުރު ދުވަހުއެވެ.
"މި ޒިޔާރަތުގެ ސަބަބުން ދިވެހިރާއްޖޭގައި ފުޓްބޯޅަ ތަރައްޤީކުރުމުގެ މަސައްކަތް އަވަސްވެގެންދާނެ. އަދި ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ކުރަމުންދާ ވަރުގަދަ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.
ޓޮމް ވަނީ މިއީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުކަން ވެސް ފާހަގަކުރަށްވާފައެވެ.
ފީފާގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅައިގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.
އިންފަންޓީނޯގެ މިދަތުރާއި ގުޅިގެން ލިބިފައިވާ ނުރަސްމީ މައުލޫމާތަށް ބަލާއިރު އިންފަންޓީނޯ ރާއްޖޭގެ ފުޓްބޯޅައިގެ ޢާއިލާ އާއި ބައްދަލުކޮށްލެއްވުމުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވެސް ބައްދަލުކުރަށްވާނެއެވެ.
މީގެ ކުރިން ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންފައި ވަނީ މީގެ 19 އަހަރު ކުރިން 2006 ވަނަ އަހަރުއެވެ. ފީފާގެ ރައީސަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ މި ޒިޔާރަތުގައި އެއިރުގެ ރައީސް ސެޕް ބެލްޓާ، 2006 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި މި ޒިޔާރަތަކީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!