އިނގިރޭސި ސަރުކާރުން ދެއްވި ޝީވްނިންގ ސްކޮލަޝިޕްގެ ދަށުން އިތުރަށް ތައުލީމު ޙާސިލް ކުރުމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން ޢަލީ އަޙުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް، ޢަލީއަށް ތަޢުރީފު ކުރައްވައި، އޭނާއަކީ "ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް" ކަމަށް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޢަލީގެ އިސްތިއުފާއަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން މޭޔަރ ގެ ޕޯސްޓުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޢަލީ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވަމުން މޭޔަރ ވަނީ، ސިޓީ ކައުންސިލްގެ މި ދައުރުގައި ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ ހައިސިއްޔަތުން ސިޓީގެ ތަރައްޤީއަށް ވަރުބަލިކަމެއްނެތި ޢަލީ ކޮށްދެއްވި އިހްލާސްތެރި ބުރަ މަސައްކަތަށާއި، ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ސިޔާސީ މަސައްކަތުގައި ކޮށްދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ.
މޭޔަރ ޢާޠިފް ވިދާޅުވެފައިވަނީ އޭނާގެ ނައިބެއްގެ ގޮތުގައި ޢަލީ އާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމީ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އޭނާގެ ތެދުވެރިކަމާއި ޤާބިލުކަމަށް އޮތް ޔަޤީންކަމުގެ ސަބަބުން، މަސްއޫލިއްޔަތު ޢަލީއާއި ހަވާލުކޮށްފައި ދާންޖެހޭ ހާލަތްތަކުގައި ހިތްހަމަޖެހުމާއެކު ހާސްކަމެއްނެތި ދެވޭކަމަށް މޭޔަރ ފަހާގަކޮށްފައިވެއެވެ.
"އަޅުގަނޑުގެ ނައިބެއްގެ ހައިސިއްޔަތުން ނުހަނު ގާތުން އެކުގާ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް، އަދި އަޅުގަނޑުގެ މަސްއޫލިއްޔަތު މަނިކުފާނާއި ހަވާލުކޮށްފައި ދާންޖެހޭ ހާލަތްތަކުގައި ހިތްހަމަޖެހުމާއެކު ހާސްކަމެއްނެތި އަޅުގަނޑަށް ދާންކެރޭ މައިގަނޑު ސަބަބަކީ މަނިކުފާނުގެ ތެދުވެރިކަމާއި ޤާބިލުކަމާއި ދޭތެރޭ އޮންނަ ޔަޤީންކަން." މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.
ޢަލީ ސިފަކުރައްވަމުން މޭޔަރ ޢާޠިފް ވިދާޅުވީ، ޢަލީ އަކީ މީހުންނާއެކު މަސައްކަތްކުރަން ދަންނަ، ވިސްނުންތޫނު، ކަމަށްކަމޭހިތާ ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއްކަމަށެވެ.
ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އިސްތިއުފާދެއްވައިފި
މީގެ އިތުރުން ހަވާލުވާ މަސްއޫލިއްޔަތެއް އެންމެ ފުރިހަމައަށް އަދާކޮށް، ދިމާވާ ހުރަސްތަކުން އަރައިގަނެ ނަތީޖާ ހާސިލްކުރާ ބޭފުޅެއް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
"ޔަގީނުންވެސް މަނިކުފާނުގެ ވަކިވުމަކީ ސިޓީ ކައުންސިލަށް ލިބޭނެ ފަޅުކަމެއް އަދި ފޫބައްދަން ދަތި ހުސްކަމެއް." މޭޔަރ ޢާޠިފް ޝުޢޫރުފާޅުކުރައްވާފައިވެއެވެ.
މޭޔަރ ޢާޠިފް ވަނީ ހަޔާތުގެ ކޮންމެސް ހިސާބަކުން އަލުން ޢަލީ އާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދުފާޅުކުރައްވަމުން ޢަލީ ފެއްޓެވި އިލްމީ ދަތުރުގައި އެންމެ ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން، މުސްތަޤުބަލުގައިވެސް ކުޅުދުއްފުށި އަދި ދިވެހި ޤައުމަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެ ކަމަށް ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!