މަރުވެފައިވާ އަހަރެންގެ ޖަޒްބާތުތަކަށް ދިރުން ލިބި، އަހަރެންގެ ދުނިޔެއަށް ނިކުމެވުނު ކަހަލައެވެ. ރޮމޭންސް ކުރަން އަހަންނަށް އެނގޭކަން ވެސް އަހަންނަށް ފަހުމުވީ އަދި ކިރިޔާއެވެ. މީގެ ކުރިން ޒިޔާދު އަހަންނަކަށް އެ ފުރުސަތެއް ނުދެއެވެ. ނަމަވެސް ހުސެން އައިސް އަހަރެން ހޭލައްވާލައިފިއެވެ. އެއާއެކު އިތުރަށް ހުސެންއަށް ދަހިވެތި ވެއްޖެއެވެ.

ހުސެންގެ އިސްތަށިގަނޑުގައި އަހަރެން އަތް ހިންގަމުން ދިޔައީމެވެ. ހުސެން މަޑުމަޑުން އަހަންނާ ދުރަށް ޖެހިލިއެވެ. އެއާއެކު މެރިފައިވާ އަހަރެންގެ ދެ ލޯ ހުޅުވާލީމެވެ. އޭރު ވެސް އަހަރެން ހުރީ ހުސެންއާ އިންޗިއެއް ވެސް ދުރަށް ޖެހިލާ ހިތަކުން ނޫނެވެ. އޭނާގެ ގައިން ދުވާ މީރު ވަސް، އަހަރެންގެ ނޭފަތުގައި ހަރުލައިފައި ހުރި ކަހަލައެވެ. ހުސެން ދުރަށް ޖެހުމާއެކު، އޭނާގެ ޓީޝާޓްގައި އަހަންނަށް ބާރަށް ހިފަހައްޓާލެވުނެވެ. އެއާއެކު ހުސެން އަހަރެންގެ ދެ އަތަށް ބަލައިލިއެވެ. އޭރު އަހަންނަށް ދެ ފަރާތަށް ބޯ ހޫރެން ފެށިއެވެ. އޭނާ އަނެއްކާ ވެސް އަހަރެންގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ފަރުވާތެރިކަމާއެކު އަހަރެންގެ ދެ ލޮލަށް ބަލައިލިއެވެ. އެ ވަގުތު އަހަންނަށް އެ ދެ ލޮލުން ފެންނަމުން ދިޔައީ ހުދު ހުސެން ވެސް އަހަންނަށް އެދޭ ވަރެވެ. އޭނާ އަހަރެން ބޭނުންވާވަރެވެ. ހުސެން މަޑުމަޑުން އަހަރެންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ވަރަށް ބާރަށް ބައްދާލިއެވެ.

Ad
rt

" އަހަންނާ ދުރަށް ނުދައްޗޭ." އާދޭހުގެ ރާގަކަށް އަހަރެން ބުނީމެވެ.

" އެކަމަކު... މިއީ ގޯހެކޭ." ހުސެން ބުންޏެވެ.

" އެނގެޔޭ. އެނގެޔޭ ހުސެން. އެކަމަކު... އެކަމަކު ވެސް " އަހަންނަށް ނުރޮވުނީ ކިރިޔާއެވެ.

" މިހެން ގާތްވަނިކޮށް މިއަށް ވުރެ ނުބައި ކަމެއް ކުރެވިދާނެ. އެހެން ވާން ބޭނުންތަ؟" އަހަރެން ދުރުކޮއްލަމުން ހުސެން އެހިއެވެ.

ކުޑަކުއްޖަކު ފަދައިން އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

" ނޫން. ދުވަހަކު ވެސް ނުކުރާނަން." އަހަރެން ބުނީމެވެ.

" އެހެންވީމަ... މިހެން މީޓް ކުރީމަ ދެން ދެވޭނީ މާ ނުބައި މަގަކަށް. ދޯ؟" ހުސެން ބުންޏެވެ.

ހުސެން އެހެން ބުނުމުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހިން ކެތްކުރެވުނީ ވެސް ކިރިޔާއެވެ. އެކަމަކު ހުސެންއާ ދިމާލަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ނަމަވެސް ހިތުގައި ހުރި އެއްޗެހި ނުނެރެވިގެން އަހަރެންގެ ހިތް އޭރު ތެޅިފޮޅެމުން ދެއެވެ. އެތެރެއަށް ހިފަހައްޓަމުން ދިޔަ ނޭވާތަކާއެކު ހިތްވެސް އަހަރެން މަތަ ކުރަމުން ދިޔައީމެވެ.

" ގަބޫލު ކުރަންތަ؟" އަހަރެންގެ ދަތްދޮޅީގައި ހިފާލަމުން ހުސެން އެހިއެވެ.

އަނެއްކާ ވެސް އޭނާ އަހަރެންގެ މޫނުގައި މޫނު ޖައްސާލިއެވެ. ހުސެން އެހެން ބުންޏަސް، ހުސެންއަށް ވެސް އެއީ ފަސޭހަ ކަމެއް ނޫންކަން އަހަންނަށް އެނގެއެވެ. އެހެން ނޫން ނަމަ ހުސެން އަހަރެންގެ ގެއިން ނިކުމެގެން ދާނެތާ ކިތަންމެ އިރެކެވެ.

" އޯކޭ. އެންމެ ރަނގަޅު! އެކަމަކު... ދެން މިހާރު ހަމަ ތި ދަނީތަ؟" އަހަރެން އެހީމެވެ.

" މަޑުކޮއްލެވިދާނެ އަދި." ސޯފާގައި އިށީންނަމުން ހުސެން ބުންޏެވެ.

އޭނާއަށް ބަލަހައްޓައިގެން ހުރެ އަހަރެން ވެސް ގޮސް ހުސެންއާ ދާދި ގާތުގައި އިށީނދެލީމެވެ. ނަމަވެސް އަހަންނަކަށް މަޑަކުން ނީންދެވެއެވެ. އަހަރެންގެ ހިތުގައި ހުސެންއަށްޓަކައި އުފެދިފައިވާ ލޯބި އެއަށް ވުރެ މާ ވަރުގަދައެވެ. އެ އިހްސާސްތައް ހުސެންއަށް ހާމަކޮއްދޭނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އަރައެވެ. މަޑުމަޑުން އަހަރެން ހުސެންގެ ބޮލުގެ އިސްތަށިތަކާ ކުޅެމުން ވާހަކަ ދައްކަން ފެށީމެވެ.

" ކިހިނެއް ލައިފް؟" އަހަރެން އެހީމެވެ.

" ދެން... އޯކޭ." ހުސެން ބުންޏެވެ. އާދައިގެ ގޮތަކަށެވެ.

" ވަރަށް ހެޕީތަ؟" އަހަރެން އެހީ އެ ސުވާލުގެ ޖަވާބު އިންތިހާއަށް ބޭނުންވާތީއެވެ.

ހުސެންއަށް އެއްވެސް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެން އެހާ ލޯބިވާ މީހަކަށް ކުޑަ ނަމަވެސް ހިތާމައެއް ލިބޭކަށް އަހަރެން ނޭދެމެވެ.

" އެންމެންގެ ލައިފް އެހާ ހެޕީއެއް ނުވާނެއެއްނު. " ހުސެން ބުންޏެވެ.

ހުސެންގެ އަތުގެ ލޯލިތަކާ ކުޅެމުން ގޮސް، ތުނބުޅީގެ އިސްތަށިތައް ވެސް ރީތި ކޮއްލަދިނީމެވެ. އަދި ހެވިފައި ހުރެ ބޯ ވެސް ދެ އަތުން ރީތިކޮއްލީމެވެ.

" ހުސެން ވާނީ އަަބަދުވެސް އުފަލުގައޭ ހުންނަން." އަހަރެން ބުނީމެވެ.

" ދެން... ތިއީ ގުރައެއްތަ؟ އަބަދު ކޮންމެވެސް ތަނަކާ ކުޅެލަކުޅެލަ." ހެމުން ހެމުން ހުސެން ބުންޏެވެ.

ހުސެން އެހާ ބޮޑަށް ހެވިފައި ހުރިތަން އަހަންނަށް ފެނުނީ އަލަށެވެ. އޭނާ އެހެން ބުނުމުން އަހަރެން ލަދުގަތް ނަމަވެސް، އަހަރެން ވެސް ހޭން ފެށީމެވެ.

" ކިހިނެއްތަ ތިހާ ރީތި މީހަކު މިހާ ކައިރީގައި އިންނައިރު ނުބެހި އިންނާނީ. ބުނެބަލަ! އުނދަގޫވަނީތަ؟" އެހެން ބުނެ އަހަރެން ހުސެންގެ ކޮނޑުގައި ބޯ ޖައްސާލީމެވެ. އޭރު ވެސް ހުސެންގެ ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ.

" ނޫން. އުނދަގުލެއް ނުވެ. އެކަމަކު ގޭގަ އަހަރެން ތާކު އިނަސް ވައިފް ނޫޅޭނެ ތިހެންނެއް. ފިރުމަފިރުމާފައެއް. " ހުސެން ބުންޏެވެ.

އެއާއެކު އަހަންނަށް ހިމޭން ވެވުނެވެ. މަޑުމަޑުން ބޯ ހިއްލާލަމުން އަހަރެން، ހުސެންގެ މޫނަށް ބަލައިލީމެވެ. އެއާއެކު އޭނާ ފޯނު ނަގައި ފޯނާ ކުޅެން ފެށިއެވެ.

" ކުދިން ތިބޭއިރު މިހެން ނޫޅެދާނެއެއްނު." އަހަރެން ބުނީމެވެ.

" ކުދިން ނެތަސް. " ހުސެން ބުންޏެވެ.

" އެއީ ކީއްވެ؟ ޒިޔާދު އެހާ ހާޑު ވާއިރު ވެސް އަހަރެން ވަރަށް މިހެން އުޅެން. އެކަމަކު އޭނަ ނީންނާނެ ޔޫ ތި އިންނަހެން ދީގެންނެއް. އަހަރެން ބޭނުންވާ އެކަހަލަ ކަންކަމަކަށް ޒިޔާދު ފުރުސަތެއް ނުދޭނެ. އަބަދުވެސް އުނދަގޫ ވެގެން އުޅޭނީ." އަހަރެން ބުނީމެވެ.

" އެހެން މީހުން އުޅޭނީ ތިހެން ،އަނބިމީހާ ނޫޅެގެން ދޯ." ހުސެން ބުންޏެވެ.

" އަހަންނާ ހުސެންގެ ހިޔާލު ކިހާ އެއްގޮތް. އަހަރެމެން ދެ މީހުން މެރީ ކުރިއްޔާ، ލައިފް ވަރަށް ސަޅި ވާނެ ކަންނޭނގެ." އަހަރެން އެހެން ބުނީ ހަގީގަތުގައި ވެސް އެ ހުވަފެން އަހަންނަށް ދެކެވޭތީއެވެ.

އެއާއެކު ހުސެން ހޭންފެށިއެވެ. އަދި ވަރަށް ލޯބި ގޮތަކަށް އަހަންނަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އެހެންނެއް ނުވާނެއެއްނު." ހުސެން ބުންޏެވެ.

އަހަންނަށް ލިބުނީ ހައިރާންކަމެވެ. އަހަންނަށް އެހާ ދުރަށް ވިސްނޭއިރު ހުސެން އެއްވެސް ވަރަކަށް މި ގުޅުމާމެދު ނުވިސްނަނީ ބާވައޭ ހިތަށް އެރިއެވެ. އަހަރެން ހުސެންއާމެދު ސީރިއަސް ވާ ވަރު ހުސެންއަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ ހުސެން އަހަންނާ ވާހަކަ ދައްކަނީ "ބަޑި" ފިރިހެނުން ފަދައިން ޓައިމްޕާސްކޮއްލަން ހެއްޔެވެ؟

" ކީއްވެ ތިހެން ތި ބުނީ؟ ހަމަ ފަހަރެއްގައި އަހަރެމެން ދެ މީހުންނަށް ކައިވެނި ކުރެވިދާނެ އެއްނު." އަހަރެން ބުނީމެވެ.

" އޭރުން ލިލީ؟ އަހަރެންގެ ދެ ދަރިން؟" ހުސެން ބުނެލީ މަޑުމަޑުންނެވެ.

އަހަންނަށް ހިންދިރުވާލެވުނެވެ. ވާހަކަ ދައްކަން ވެސް ކުޑަކޮށް އުނދަގޫވީ ކަހަލައެވެ.

" ތިއަށް ވުރެ ރަނގަޅު ބައްޕައެއް ވެސް ލިލީއަކަށް ނުލިބޭނެ. އައިއަށް އެނގޭ ޔޫ ތިއީ ދަރިންނަށް ވެސް ވަރަށް ހެޔޮ ބައްޕައެއްކަން." އަހަރެން ބުނީމެވެ.

" އައި މި ބުނާ ވާހަކަ ގަބޫލު ކުރާނަންތަ؟" ހުސެން އަހަންނާ ދިމާލަށް އެނބުރިލަމުން އަހަރެންގެ އަތުގައި ހިފާލިއެވެ. އޭރު އަހަރެން އިނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

" އަހަރެން ތަހައްމަލްކުރާ އެއްވެސް ކަމެއް ޔޫއަކަށް ނޭނގޭނެ. އަސްލު ވައިފްގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދޭކަށް ބޭނުމެއް ނުވޭ. މިހާ ހަމައަށް ވެސް ދިރިއުޅުމުގައި އަހަރެން ކެތްތެރިވެގެން މި ހުރީ ހަމައެކަނި އަހަރެންގެ ދެ ދަރިންނަށްޓަކައި. އެ ދެ ކުދިންނާ ވަކިންނެއް އަހަންނަކަށް ނޫޅެވޭނެ. އަހަރެން ބޭނުންވާ އުފަލާ، ހިތްހަމަޖެހުން ނުލިބުނަސް މި ލައިފްގައި އަހަރެން މުޅި އުމުރު ދުވަސް ހޭދަ ކުރަން ބޭނުން. " ހުސެން އެހެން ބުނުމާއެކު އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" އެކަމަކު... މުޅި އުމުރު ތިހެން ހޭދަކުރެވޭނެތަ؟ " އަހަރެން އެހީމެވެ.

" މިހާރު ވެސް މި އުޅެނީއެއްނު. އަހަރެންގެ ހުރިހާ ވެސް އުފަލަކީ ކުދިން. އަހަރެމެންގެ ބަޔަކީ ދަރިންނެއްނު. އެ މީހުން އެކަނިކޮއްލީމަ އަހަރެމެންނަށް ލިބޭނީ ކޮން އުފަލެއް؟ ލިލީއަށް ވެސް އަހަންނަށްވުރެ ބޮޑަށް ބޭނުންވާނީ ޒިޔާދެއްނު." ހުސެން ބުންޏެވެ.

އަހަރެން ބޯ ޖަހާލީ ހުސެންގެ ހިތުގެ ރިހުން އަހަންނަށް އިހްސާސް ވުމުންނެވެ. އެ ވަގުތު ހީވީ އިތުރަށް އޭނާ ދެކެ ލޯބި ވެވުނު ހެންނެވެ. އެއަށް ވުރެ ބޮޑަށް ހުސެން ބޭނުން ވެސް ވިއެވެ. އެކަމަކު މި ލޯތްބަކީ ކޮންކަހަލަ ލޯތްބެއް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. މި ގުޅުމަށް ދޭންވި ނަމެއް ވެސް ނޭނގެއެވެ. މި ގުޅުން ބޭއްވުމުގެ މާނައެއް މަޤްޞަދެއް ވެސް ނޭނގެއެވެ.

" މިސާލަކަށް އަހަރެމެން ދެ މީހުން މެރީ ކުރީ. ޔޫ ވިސްނާލަބަލަ ކިތައް ކިތައް ލައިފްއަށް އެކަމުގެ އަސަރު ކުރާނެ. ކިތައް ދިރިއުޅުން އެކަމާ ހިތާމަ ކުރާނެ. އަހަރެމެން ދެ މީހުން ކައިވެންޏަކާ ހަމައަށް ގޮސްގެން އުފާވާނީ ހަމައެކަނި އަހަރެމެން ދެ މީހުން. އެކަމަކު އޭގެ ހިތި އަސަރު ކުރާނެ އެތައް ބައެއް އެބަތިބި." ހުސެން ބުންޏެވެ.

ހުސެންގެ ވިސްނުން ކިހާ ހަރުދަނާ ހެއްޔެވެ؟ އަހަރެން ވިސްނަނީ ހަމައެކަނި އަހަރެން ބޭނުންވާ ކަންކަމާމެދެވެ. އިތުރަށް ވަށައިގެން ހިނގާ ކަންކަން އަހަންނަށް ނުފެންނަ ކަހަލައެވެ. ނަމަވެސް އަހަރެންގެ މި ނުވިސްނޭ " ގަމާރު " ސިކުނޑިއަށް ހުސެން އެ ބުނެދެނީ ހާދަ ލޯބިންނެވެ. އަހަންނަށް ހިނިތުންވެލެވުނެވެ. އަހަރެންގެ ހިތަކީ އަޖައިބެއްފަދަ ނުބައި ހިތެކެވެ. ހުސެން އެ ބުނި ފަދައިން، ބަސްއަހަން ހިތް ބޭނުން ވެސް ނުވާ ކަހަަލައެވެ. ހުސެން އަހަންނަށް އެ ކިޔައިދިނީ އަހަރެމެންގެ މުސްތަޤްބަލެއް ނެތް ކަމެވެ. އެކުގައި ދުވަހަކު ވެސް ދިރިއުޅެވެން ނެތް ވާހަކައެވެ. ދުވަހަކު ވެސް ދެ މީހުން ގުޅޭނެ ގޮތެއް ނެތް ކަމެވެ. އަހަރެންގެ ސިކުނޑިއަށް އެ ކަންތައްތައް ހެއްކާއެކު ވެއްދުމުން ވެސް އިތުރަށް ހަމަ އަހަންނަށް އޭނާ ދެކެ ލޯބި ވެވެނީއެވެ. ވިސްނައިދޭ ވަރަކަށް ގަޔާވެވެނީއެވެ. އަދި ހުސެން ދައްކާ ވާހަކަތައް ގަބޫލު ކުރިޔަސް، އަހަރެން އޭނާއާ ދުރަށް ދާކަށް ނުވިސްނަމެވެ. އަހަރެންގެ ހިތް ކިހާ ގޯސް ހެއްޔެވެ؟

" އަންޑަސްޓޭންޑް ވެއްޖެ ތި ބުނީ ކީކޭކަން. ތި ބުނަނީ އަހަރެން ޑިވޯސްވީމަ ލިލީއަށް ބައްޕަ ގެއްލޭނެޔޭ. އަދި ޔޫ ޑިވޯސް ކުރީމަ ޔޫގެ ވައިފް ކުދިންކޮޅު ގޮވައިގެން ދާނެޔޭ ދޯ؟ ދެން ބުނެބަލަ! ދެ އަނތްބަށް ނީނދެވޭނެތަ؟" އަހަރެން އެހީމެވެ.

އެއާއެކު ހުސެން އަހަރެންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.

" ހާދަ ލާނެތޭ. ހަމަ އެހާ އަހަރެން ބޭނުންވޭތަ؟ " ހެމުންހެމުން ހުސެން ބުންޏެވެ.

އަހަރެން ބޯ ޖަހާލީމެވެ.

" ދެ އަނތްބަށް އިނދެގެން ޔޫއަށް އުޅެވޭނެ؟" ހުސެން އެހިއެވެ.

އޭނާ އެހެން ބުނުމުން އަހަރެން އަނެއްކާ ވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ.

އަދި ހުސެންއާ ދުރަށް ޖެހިލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ހުސެން އަހަރެންގެ އުނގުމައްޗަށް ތިރި ކުރީމެވެ. އަހަރެންގެ އުނގުގައި އޭނާ ބޯ އަޅާލައިގެން އޮތް އިރު އަހަރެންގެ ދެ އަތް ވެސް މަޑަކުން ނުބޭއްވުނެވެ. އަހަންނަށް އިނދެވުނީ އެއް އަތުން އޭނާގެ މޭމަތީގައި ފިރުމަމުން އަނެއް އަތުން ބޮލުގައި ފިރުމާލަފިރުމާލައެވެ.

" ހޫމް. އައިއަށް އޯކޭ އޭ ޔޫ ހަމައެކަނި ނިދަން އަންނަނިކޮށް. " ލާނެތް ފާޑަކަށް އަހަރެން ބުނީމެވެ.

އެއާއެކު ހުސެންއަށް ވެސް ބާރަށް ހެވުނެވެ.

" އެ ކީއްކުރަން؟" ހުސެން އެހިއެވެ.

" އެއީ ގުރައެއް ހެން އަބަދު މިހެން ޔޫ އާ ބެހޭ ހިތުން." އަހަރެން ބުނީމެވެ.

ހުސެން ވަގުތުން އަހަރެންގެ އުނގުމަތިން ތެދުވެއްޖެއެވެ. އަހަންނަށް އެ ވަގުތު ބާރަށް ހެވުނެވެ.

" ބިރު ގަތީތަ؟" އަހަރެން އެހީމެވެ.

" އާނ. ބިރުގަންނާނެ އެއްނު. މިހާރު އަހަންނަށް ވެސް ކިރިޔާ މި ކޮންޓްރޯލް ކުރެވެނީ. ޔޫ ކައިރިއަށް އައިސް ދާ ހިތެއް ނުވެ." ހުސެން ބުންޏެވެ.

އެ ވަގުތު އަހަންނަށް ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެކެވެ. ހުސެންގެ ހިތުގައި އަހަންނަށް ހާއްސަކަމެއް ދެވިފައި ނުވާނަަމަ އެހެންނެއް ނުބުނާނެޔޭ ހިތަށް އެރިއެވެ.

" ދެން... ނުގޮސް މަޑުކުރޭ." އަހަރެން ބުނީމެވެ.

އެ ވަގުތު ހުސެން ހީލަމުން އަހަންނަށް ބަލައިލިއެވެ.

" ވާހަކައެއް ބުނަންތަ؟ އަންނަ ހަފްތާ އަހަރެން އޮފީސް ދަތުރަކު ރާއްޖެއިން ބޭރަށް ދާން ޖެހޭ." ހުސެން އެހެން ބުނުމާއެކު އަހަންނަށް ބޮޑު ބުރައެއް ލިބުނު ކަހަލައެވެ.

" ކިތައް ދުވަހަށް؟" އަހަރެން އެހީމެވެ.

" ދެ ހަފްތާއަށް." ހުސެން ބުންޏެވެ.

" ދެން ނޫން. ކޮންތާކަށް ދަނީ؟ ކޮން ދުވަހަކުން؟" އަހަރެންގެ ހިތް އަވަސްވާން ފެށިއެވެ.

" މި މަހު ދިހައެއްގައި. ހީވަނީ ޓާކީއަށް ހެން." ހުސެން ބުންޏެވެ.

" ވާއޯ. ސަޅި ވާނެ." އަހަރެން ބުނީމެވެ. ނަމަވެސް ހިތުތެރޭގައި އޭރު ވެސް ރިހުމެއް އުފެދިއްޖެއެވެ. ދެ ހަފްތާ، އަހަންނަށް އިހްސާސްވާނީ ދެ އަހަރު ފަދައިންކަން މިހާރު ވެސް އެނގެއެވެ.

" އެއީ މި ދައުރު ނިމެން ވާއިރަށް ދާންޖެހޭ ދަތުރެއް." ހުސެން ބުންޏެވެ.

" އޭ! އޭރުން ޔޫގެ ޖޮބް ގެއްލޭނެ ދޯ." ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް އަހަރެން އެހީމެވެ.

" އާނ. ދެން ޖެހޭނީ އަނެއްކާ ވެސް ވަޒީފާއެއް ހޯދަން. އެކަމަކު ދެން ސިޔާސީ ދާއިރާއިން އެއްކޮށް ދުރަށް ދާނީ. " ހުސެން ބުންޏެވެ.

" ތިހާ ބޮޑު މުސާރައެއް ލިބެންޏާ ސޭވް ކުރެވިފައެއްނު ހުންނާނީ." އަހަރެން ބުނީމެވެ.

" ނޫން. ނުވޭ! ދާއިރާގެ މީހުންނަށް ކޮންމެ މަހަކު އެކި ކަންކަމަށް ވަރަށް ފައިސާ ހަރަދު ކުރަންޖެހޭ. ރެންޓް ދައްކާފައި ހަރަދުތައް ބަލަހައްޓާފައި ވަކި ސޭވް ކުރެވޭކަށް ނޯވެ މާ ބޮޑު އެއްޗެއް. " ހުސެން ބުންޏެވެ.

" އޯހް! އެ ކީއްވެ މީހުންނަށް އެހާ ވަރަށް ލާރި ދޭން ޖެހެނީ؟" ހުސެން ދައްކާ ވާހަކަތަކުން އަހަރެން އެންމެ ބޮޑަށް އަޅައިގަންނަނީ އޭނާގެ ކަންބޮޑުވުންތަކުގައެވެ. އެ ފަދަ އެއްވެސް ކަމެއް އިތުރަށް ސުވާލުނުކޮށް ދޫކޮށްލާ ހިތެއް ނުވެއެވެ. ހުސެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ދޭން އަބަދުވެސް އަހަރެން ބޭނުންވެއެވެ.

" ދާއިރާ މީހުން އެހީއަށް އެދޭނީ ދާއިރާގެ މެމްބަރު ކައިރީގައެއްނު. ދެން އައި އަކަށް ނުކެރެ ހަމަ އެއްވެސް މީހަކަށް ނޯ ބުނާކަށް. މިސާލަކަށް ފަނަރަ، ވިހި މީހުން އެހީއަށް އެދުނީމަ ކޮންމެ މީހަކަށް ހާހެއް ދިނަސް ވިހި ހާސް ދާނެ ދޯ. އައިއަށް އޯކޭ ހަމަ. އަދި ނޯންނާނެ އެއްވެސް މީހަކަށް ނޯ ބުނެފައެއް." ހުސެން ބުންޏެވެ.

" އެނގޭ ތިއީ ކޮންކަހަލަ މީހެއްކަން. ކުރަން ބޭނުންވާ ކަމެއް ކުރާނެ! ހިތްވަރު ވެސް ހުންނާނެ! އެކަމަކު ވަރަށް ހިތް ސޮފްޓް ވާނެ. މީހަކު އެއްޗެއް ބުނިއްޔާ ވަރަށް އަވަހަށް ދެރަވާނެ. ޔޫ އެކަމާ ވިސްނާނެ ދެން.... ހިތްވަރު ހުއްޓަސް، ވަރަށް އަވަހަށް ހާސް ވެސް ވާނެ. ޔޫ ބޭނުމެއް ނުވާނެ ޔޫގެ ސަބަބުން އެއްވެސް މީހަކު ރުޅި އައިސް ނޫނީ ދެރަވެފައި ހުންނާކަށް. ދޯ؟ " އަހަރެން ކިޔާލީމެވެ.

އެއީ ހުސެންއާ ވާހަކަ ދައްކާއިރު، އަހަންނަށް އޭނާ ސިފަކުރެވޭ ގޮތެވެ. ހުސެން އިނީ އަހަންނަށް ބަލަހައްޓައިގެންނެވެ. ހިނިތުންވުމާއި ހައިރާންކަން އޭނާގެ މޫނުމަތިން އަހަންނަށް އޭރުވެސް ފެންނަމުން ދިޔައެވެ.

" ދޮގެއްތަ؟" އަަހަރެން އެހީމެވެ.

" ނޫން. ތެދެއް! ހާދަ އަވަހަކަށް ޔޫ އަހަރެން ދަސްްކޮއްފިއޭ." ހުސެން ބުންޏެވެ.

އެއާއެކު އަހަރެންގެ ތުންފަތުގައި ލުއި ހިިނިތުންވުމެއް ކުޅެލިއެވެ.

" ދަސްކުރީކީ ނޫން. މާ ބޮޑަށް ލައިކްވީމަ ހުސެންގެ ކޮންމެ ވާހަކައަކުން އަހަންނަށް ހުރިހާ ކަމެއް ދެނެގަނެވޭ." އަހަރެން ބުނީމެވެ.

އެއާއެކު ހުސެން އަހަރެންގެ އަތުގައި ހިފާލިއެވެ.

" ޔޫ ލައިކް ވޭތަ؟" އަހަރެން އެހެން އެހި ވަގުތު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. އެއާއެކު ހުސެން އަހަރެންގެ އަތުން ދޫކޮއްލަމުން ބާރުބާރަށް ތެދުވެއްޖެއެވެ.

" ވައިފް އެ ގުޅަނީ." އޭނާ ބުންޏެވެ.

އެ ވަގުތު އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ނުދާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ފޯނު ޖީބަށް ލަމުން ހުސެން އަހަންނަށް ބަލައިލިއެވެ. އޭރު ވެސް އާދޭހުގެ ނަޒަރަކުން އަހަންނަށް ހުރެވުނީ ހުސެންއަށް ބަލަހައްޓައިގެންނެވެ.

" ދަނީ އިނގޭ." ހުސެން އެހެން ބުނުމާއެކު އަހަރެން އޭނާގެ ގައިގައި ހިފެހެއްޓީމެވެ.

( ނުނިމޭ )

(ނިމުނީ)